ޚަބަރު

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީއަށް ބަދަލު ގެނެސްފި


  • ކުރިން ނަގަމުން އައިސްފައިވަނީ 500 ޑޮލަރު

  • މިހާރުވަނީ ގަޑިއިރަށް ބެލުމަށްފަހު ފީ ނަގާގޮތަށް ބަދަލުކޮށްފައި

  • މި ބަދަލަށް އަމަލުކުރާނީ މިމަހުގެ 10ވަނަ ދުވަހުން ފެށިގެން

ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުން އަންނަ ފީ އަށް ބަދަލު ގެނެސްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން މިހާރު ނަގަމުން އަންނަ 500 ޑޮލަރުގެ ފީގެ ބަދަލުގައި، ބަނދަރުގައި ސަފާރީ ބާއްވާ ވަގުތަށް ބަލައިގެން ފީ ނެގުމަށް ނިންމާފައިވާކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ އެ ކައުންސިލްގެ މި އަހަރުގެ 11 ވަނަ ޢާއްމު ޖަލްސާގައި ކަމަށެވެ. އަދި މިގެނައި ބަދަލަށް އަމަލުކުރުމަށް ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

ފީ އަށް ގެނެސްފައިވާ ބަދަލުތައް

0 އިން 06 ގަޑިއިރަށް 150 ޑޮލަރު
06 އިން 12 ގަޑިއިރަށް 300 ޑޮލަރު
12 އިން 24 ގަޑިއިރަށް 500 ޑޮލަރު

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުންދިޔަ 50 ޑޮލަރު 500 ޑޮލަރަށް ބަދަލުކޮށްފައިވަނީ 2022 ވަނަ އަހަރުތެރޭއެވެ.

ކައުންސިލުން އޭރު ވިދާޅުވެފައިވަނީ އެ ބަދަލު ގެނައީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުންކަމަށެވެ.

ފުވައްމުލައް ސިޓީ އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަފާރީ ބަނދަރުކުރާ ހިސާބެކެވެ. އަދި އެކި ބޭނުންތަކުން ރަށަށް އެރުމަށް ފުވައްމުލަކުގެ ބަނދަރު ސަފާރީތަކުގެ ކުރޫއިން ބޭނުންކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ސަފާރީން ނަގާ ފީއިން ކައުންސިލަށްވަނީ 285270 ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.