ޚަބަރު

އުރީދޫގެ ފައިދާއިން ހިއްސާއަކަށް 3.27ރ ބަހަން ފާސްކޮށްފި


  • ބެހުމަށް ކަނޑައެޅި ޢަދަދު ފާސްވީ ހިއްސާދާރުންގެ ތެރެއިން 82.7 އިންސައްތަ ވޯޓުން

  • ފައިދާއިން 480 މިލިއަނަށްވުރެ ގިނަ ރުފިޔާ ބެހުމަށްވަނީ ހަމަޖެހިފައި

މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.27 ( ތިން ރުފިޔާ ހަތާވީސް ލާރި) ބަހަން އުރިދޫގެ އަހަރީ ޢާއްމު ޖަލްސާގައި ފާސްކޮށްފިއެވެ. މިއީ 2022 ވަނަ އަހަރު ބެހި ޢަދަދަށްވުރެ 23 ލާރީގެ އިތުރުވުމެކެވެ. އެ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 3.04 ރުފިޔާއެވެ.

ރޭ ބޭއްވި އުރީދޫ އަހަރީ ޢާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. އުރީދޫގެ ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ހަތާވީސް ލާރ ބަހަން ފާސްވީ ބައިވެރިންގެ ތެރެއިން 82.7 އިންސައްތަ ވޯޓުންނެވެ.


އުރީދޫން ހިއްސާގެ ގޮތުގައި ބަހާނެ ޢަދަދު ކަނޑައަޅާފައިވާއިރު، އެ ކުންފުނީގެ ފައިދާއިން 480 މިލިއަނަށްވުރެ ގިނަ ރުފިޔާ ބެހުމަށް ވަނީހަމަޖެހިފައެވެ.

އުރީދޫގެ އަހަރީ ޢާއްމު ޖަލްސާގައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓްކޮށް އެކުލަވާލާފައިވާ މާލީ ބަޔާންތައްވެސް ހިއްސާދާރުންގެ ވޯޓާއެކު ފާސްކޮށްފައެވެ.

ރޭ ބޭއްވި އަހަރީ ޢާންމު ޖަލްސާގައި އެކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭ.ޕީ.އެމް.ޖީވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އެކުންފުނީގެ ބޯޑަށްވަނީ ޢާއްމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު ޝާހިދު ހަމަޖައްސަވާފައެވެ.


މިޖަލްސާގައި އުރީދޫގެ މެނޭޖްމަންޓާއި ކުންފުނީގެ 123 ހިއްސާދާރުންވަނީ ބައިވެރިވެފައެވެ.

އުރީދޫގެ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރައެވެ. އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރުއެވެ. އެއަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެއެވެ. އެއީ މިހާތަނަށް އުރީދޫއަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ.