ޚަބަރު

މުސްލިމުންގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ހަނގުރާމައިގެ ކުށެއް


ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް, ޔަހޫދީ ވަޒަންވެރިންގެ ޢަދަދު އިތުރު ކުރުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ ސިފަ ކުރައްވައިފިއެވެ. ފޮލްކަރ ތުރްކު ވިދާޅުވީ, މުސްލިމުންގެ ބިމުގައި ޔަހޫދީ ވަޒަންވެރިން އިތުރު ކުރާތީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ.

ތުރްކު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ, މުސްލިމުންގެ އަތުން ފޭރިގަނެފައިވާ ބިންތަކަށް ޔަހޫދީ ވަޒަންވެރިން ފޮނުވައި, އެ ސަރަޙައްދުތަކުގައި އާބާދު ކުރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންދާ އަމަލެއް ކަމުގައެވެ.

"ޔަހޫދީ ވަޒަންވެރިން ދޭ ޙަމަލާތަކާއި, އެ މީހުންނާ ގުޅޭ ހަމަނުޖެހުންތަކުގެ ޢަދަދު ދަނީ އިތުރުވަމުން. މިއާ އެކު, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ އަސަރު ކުރަމުން. ހުރަސް އެޅެމުން،" ތުރްކު ވިދާޅުވިއެވެ. މި ކަމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ވެސް އޭނާ ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހަޅުއްވާފައެވެ.

އެ ރިޕޯޓުގައި ތުރްކު ވިދާޅުވީ, 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި 24,300 އަށްވުރެ ގިނަ ގެދޮރު ބިނާ ކޮށްދީފައިވާ ކަމުގައެވެ. އެއީ, 2017 ވަނަ އަހަރަށް ފަހު, މުސްލިމުންގެ ބިންތަކުގައި ޔަހޫދީންނަށް މިހާ ގިނަ ޢަދަދަކަށް ގެދޮރު އަޅައިދީފައިވާ އަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

ތުރްކު ވިދާޅުވީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ދެމުންދާ ޙަމަލާތަކުގެ ޢަދަދު ވެސް އިންތިހާއަށް އިތުރު ކޮށްފައިވާ ކަމުގައެވެ. އަދި, ޚާއްޞަކޮށް, ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ޔަހޫދީ ވަޒަންވެރިން އިތުރު ކޮށްފައިވާ ކަމަށާއި, 2023 އޮކްޓޫބަރު 7އަށް ފަހު ޙަމަލާތައް އިންތިހާއަށް އިތުރު ކޮށްފައިވާ ކަމުގައެވެ.

ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީިން ވެރިވެގަނެފައި ވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައިގައެވެ. އެއަށް ފަހު, ޔަހޫދީން ދަނީ ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. ފަލަސްޠީނުގެ މުސްލިމުން ވަނީ އަޅުވެތި ކޮށްފައެވެ. ހުޅަނގު އައްސޭރީގައި ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ވެރިކަން ކުރަމުން ދަނީ ނަމެއްގައެވެ. އަދި, ހުޅަނގު އައްސޭރީގައި އަމަން ބެލެހެއްޓުމުގެ ނަމުގަައި ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޢުދުވާންތައް ހިންގަމުންނެވެ. މި ޢުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އެތަކެއް ހާހަށް އަރާއިރު, އެތަކެއް ހާސް ބަޔަކު ވަނީ ހައްޔަރުކޮށް ޔަހޫދީންގެ ޖަލުތަކަށް ލާފައެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ވެސް ލާއިންސާނީ ޢުދުވާންތަކެއް ހިންގަމުންނެވެ. އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,878އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު
ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 72,408އަށް އުފުލިފައެވެ.