ޚަބަރު

ޣައްޒާއަށް އެހީ ފޮނުވަން އެމެރިކާއިން ވަގުތީ ބަނދަރެއް އަޅައިދެނީ


ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް އަޅައިދެއްވާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހާމަ ކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ, އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސް މި އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ބައިޑަން ވިދާޅުވީ, ޣައްޒާގެ މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް އަޅައިދެއްވާނެ ކަމަށާއި, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ސައިޕްރަސް މަގުން ކަމުގައެވެ. އަދި, މި ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން ބައިވެރި ނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ޣައްޒާއަށް އެމެރިކާ ސިފައިން ނުފޮނުވާނަން،" ބައިޑަން ވިދާޅުވިއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބައިޑަން ވާހަކަފުޅު ދައްކަވާފައި މި ވަނީ, އޭނާގެ ސަރުކާރުން ޒަޔަނިސްޓު އިސްރާއީލަށް ތާޢީދުކޮށް, އެހީތެރިކަން ފޯރުކޮށްދެމުންދާތީ, އޭނާގެ ޑިމޮކްރެޓިކް ޕާޓީން ކުރިމަތިވަމުންދާ ނުރުހުމާއި ފިއްތުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގައި ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން, ބައިޑަންގެ ސަރުކާރުން ވަނީ އެތަކެއް ބިލިޔަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީ ޔަހޫދީންނަށް ފޮނުވާފައެވެ.

ޣައްޒާގައި ވަގުތީ ބަނދަރެއް އަޅައިދޭނެ ކަމުގައި ބައިޑަން ވިދާޅުވެފައި މި ވަނީ, ޣައްޒާގެ 2.3 މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި, އޭގެ ތެރެއިން 500,000 އަށްވުރެ ގިނަ މީހުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތް ކަމަށާއި, އެ މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަން އދއިން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ދާދިފަހުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް, ވައިގެ މަގުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢާދަދު 30,878އަށް އުފުލިފައިވާ ކަން ފާހަގަ ކުރައްވައި ބައިޑަން ވިދާޅުވީ, "އޭގެ ތެރޭގައި ގިނައީ ޙަމާސްގެ [މުޖާހިދުންނެއް] މީހުންނެއް ނޫން. [ގިނައީ] އެއްވެސް ކުށެއް ނެތް އެތަކެއް ހާސް އަންހެނުންނާއި ކުޑަކުދިން،" ބައިޑަން ވިދާޅުވިއެވެ. މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވެސް ދާދި ފަހުން ވިދާޅުވެފައިވެއެވެ.

ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް ވެސް ބައިޑަންގެ ރިޔާސީ ބަޔާނުގައި އަަލިއަޅުއްވައިލެއްވިއެވެ. އެމެރިކާއިން ބުނީ, މިޞްރުގެ ވެރިރަށް ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކަށް ޙަމާސުން އެއްބާރުލުން ދެމުން ނުދާ ކަމުގައެވެ. އަދި, އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވަނީ ޙަމާސްގެ ސަބަބުން ކަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

މިޞްރާއި ޤަޠަރުން އިސްވެ ކުރަމުންދާ މަޝްވަރާތަކުގައި ޔަހޫދީންގެ ޢުދުވާންތައް ހަ ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ދަނީ ވާހަކަ ދައްކަމުންނެވެ. ޙަމާސުން އަދިވެސް ދަނީ މި ކަމާ ގުޅޭ އެއްބަސްވުމުގެ ދެލިކޮޕީ ދިރާސާ ކުރަމުންނެވެ. އެމެރިކާއިން ބުނީ, އަސީރުންގެ ތެރޭގައި ހިމެނޭ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން މިނިވަން ކުރަން ޙަމާސުން ދެކޮޅު ހަދަމުންދާ ކަމުގައެވެ.

ނަމަވެސް, ޙަމާސުން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އެ ޖަމާޢަތުން ބުނީ, އެއްބަސްވުމުގައި ސޮއި ކުރަން ޔަހޫދީން ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި, އެއްބަސްވުމަކަށް އާދެވިފައި ނުވަނީ, ޢުދުވާންތައް ހުއްޓައިލުމަށް ފަހު, ޣައްޒާއިން ޔަހޫދީ ސިފައިން ބޭލުމަށް އިސްރާއީލުން ދެކޮޅު ހަދާތީ ކަމުގައި ވެސް ޙަމާސުން ބުނެއެވެ.