ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާކަމަށް ވިދާޅުވެ ރަމަޟާން މަހުގެ ފައިދާ ޙާޞިލުކުރުމަށް ރަނގަޅަށް ތައްޔާރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާންމަހަށް އިސްތިޤްބާލުކުރުން" މި މަޢުޟޫއަށެވެ.
ހުކުރު ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރަން އިލްތިމާސްކުރައްވާ ޚުތުބާގައި ވަނީ ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަތުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވުމަށްވެސް ޚުތުބާގައިވަނީ ނަޞޭޙަތްތެރިވެފައެވެ.
ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުން ހިމެނޭކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ ސުފުރާ މަތީގައި ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެންނަކަން ވިދާޅުވެފައެވެ.
" މާތް ﷲ ރުއްސުން ލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. "رَسُوْلُ اللهِ ޞައްލައްﷲ އަލައިހި ވަސައްލަމަަ ނަމާދުފުޅު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ކަދުރުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގެންފިނަމަ ފެންފޮދަކުންނެވެ." މުސްލިމް އަޚުންނޭވެ! ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހާރުކެއުން ހިމެނެއެވެ. ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބެއެވެ. ނަމަވެސް ދީނީގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާގެ ސުންނަތާ ޚިލާފު ކަމެކެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ ކީރިތިރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމައަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުންކަމަށެވެ. އަދި ކީރިތި ރަސޫލާ ރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވި ކަމަށާއި ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އެރޭތައް އިޙްޔާކުރެއްވުމުގައި ބައިވެރި ކުރެއްވިކަމަށެވެ.
" ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއިންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރުކަން ފާހަގަކުރައްވާ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވިކަމަށެވެ. ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫންކަމަށާއި ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެންކަމަށް ޚުތުބާގައި ވިދާޅުވިއެވެ.