ޚަބަރު

ވެހިކަލްގެ އަދަދު ކަނޑައަޅާއިރު %80 އަކީ 2 ފުރޮޅުލީ އުޅަނދު


  • އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ކުރިން އެސެސްމަންޓެއް ހަދަންޖެހޭ

  • ކޮންމެ 5 އަހަރަކުން މުރާޖަޢާ ކުރަން ޖެހޭ

ރަށްރަށުގައި އެންމެ ގިނަވެގެން ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ކަންކަން ކޮންމެ 5 އަހަރަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ހަދައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ގެނައި އިސްލާޙްގައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދާ ވެހިކަލް ކެޕޭސިޓީއަކީ ދެނަގަތުމަށްފަހު ކަމަށެވެ. އެގޮތުން މިއެސެސްމަންޓްގައި މަގުތަކުގެ ލޭނުތަކުގެ ޖުމުލަ ދިގުމިނާއި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނާއި އެ ސަރަހައްދުގައި ޕާކުކުރެވޭ އުޅަނދުގެ އަދަދު ކަނޑައަޅަންޖެހެއެވެ. ލޭނެއްގެ ގޮތުގައި ބަލާނީ ފުޅާމިނުގައި 12 ފޫޓު ހުންނަ މަގުތައްކަމަށް ޤަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.

އަދި މިއެސެސްމަންޓް ހަދާއިރު އެއްގަމު ދަތުރުފަތުރުގެ ނިޒާމް އެރަށެއްގައި ހަމަޖެހިފައިވާ ގޮތާއި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު ބަލަންޖެހެއެވެ. އަދި އެއްގަމު އުޅަނދުތައް އާންމު ގޮތެއްގައި ބޭނުންކުރާ އެންމެ ދިގު މުއްދަތާއި ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތުވެސް އެސެސްމަންޓްގައި ހިމަނަންޖެހެއެވެ. މީގެ އިތުރުން އާބާދީގެ ނިސްބަތުން އަމިއްލަ އެއްގަމު އުޅަނދު ބޭނުންކުރާ ނިސްބަތާއި އުޅަނދުގެ ބާވަތްތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމް ބޭނުންކުރާ ނިސްބަތްވެސް ހިމަނަން ޖެހެއެވެ. ހަމަ މިއާއެކު ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި އެފަދަ އުޅަނދުގެ ބާވަތްތައްވެސް ހިމަނަންޖެހެއެވެ.

ރަށެއްގެ ބިމުގެ މިންވަރަށާއި ޖާގައަށާއި ބޭނުންކުރާ އުޅަނދުތަކަށް ބަލައި ކޮންމެ 5 އަހަރަކުން ވެހިކަލް ކެޕޭސިޓީ ކަނޑައެޅުން މުރާޖަޢާ ކުރަންޖެހެއެވެ. އަދި ވެހިކަލް ކެޕޭސީޓިއަށްވުރެ އެރަށެއްގައި ބޭނުންކުރާ އުޅަނދު އިތުރުނުވާކަން ކަށަވަރުކުރުމާއި އުޅަދުތަކުގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުމަކީ އެރަށެއްގެ ކައުންސިލުގެ ޒިންމާއެކެވެ. ނަމަވެސް ބިމަށް ބަދަލު އައިސްފިނަމަ 5 އަހަރުވުމުގެ ކުރިންވެސް މުރާޖަޢާކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބެއެވެ.

މި ޤަވާއިދުގެ ދަށުން ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި އަމިއްލަ އުޅަނދުތަކާއި ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް ޞިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބެއެވެ.

ވަކި ކެޓަގަރީތަކަށް ވެހިކަލްތަކުގެ އަދަދު ކަނޑައެޅި ނަމަވެސް އޭގެ ތެރެއިން އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 80 އިންސައްތަކަމަށް މި އިސްލާޙްގައިވެއެވެ.

ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދު، ކަނޑައެޅި އަދަދަށްވުރެ އިތުރުވާނަމަ ރީ ރަޖިސްޓްރޭޝަން ޕްރޮސެސްއެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭ ނިޒާމެއް އެކުލަވާލާ ހަމަހަމަ ފުރުޞަތާއި މުއްދަތު ދެވޭނެ ކަމަށް މިޤަވާޢިދުގައިވެއެވެ.