ޚަބަރު

ހަނގުރާމައަށް ތައްޔާރު ވާން އުތުރު ކޮރެޔާގެ ޒައީމް ގޮވައިލައިފި


އުތުރު ކޮރެޔާގެ އަސްކަރިއްޔާ ހަނގުރާމައިގެ ތައްޔާރީ ހާލަތަކަށް ގެންނަން އެ ޤައުމުގެ ޒައީމް ކިމް ޖޮންގ އުން ގޮވައިލައިފިއެވެ. އޭނާ މި ކަމަށް ގޮވައިލާފައި ވަނީ, އުތުރު ކޮރެޔާގެ ހުޅަނގުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ކުރި ޒިޔާރަތެއްގައެވެ. އޭނާ އަސްކަރީ މަރުކަޒަށް ޒިޔާރަތް ކޮށްފައި މި ވަނީ, އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފެށުމާ ދިމާކޮށެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން 'ފްރީޑަމް ޝީލްޑް'ގެ ނަމުގައި ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީނުތަކެއް ބާއްވާއެވެ. މިއީ, އުތުރު ކޮރެޔާއިން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއް ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. ހުސްވި އަހަރާ އަޅައިބަލާއިރު, މި އަހަރުގެ ތަމްރީނުތަކުގައި ދެގުނަ އިތުރަށް ސިފައިން ބައިވެރިވެއެވެ.

މި ތަމްރީނުތަކާ ގުޅޭ ގޮތުން ކިމް ބުނީ, އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުގައި އޮންނަން ޖެހޭ ކަމުގައެވެ. އަދި, އަސްކަރީ ތަމްރީނުތައް އިތުރުކޮށް, ފުޅާކޮށް, އަަސްކަރިއްޔާގެ ގާބިލު ކަން އިތުރު ކުރުމުގައި ދެމިއޮންނަން ޖެހޭނެ ކަމުގައެވެ. އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ވެސް މިހާރު ދަނީ, މެދުކެނޑުމެއް ނެތި ތަމްރީނުތައް ބާއްވަމުންނެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތައް ވަގުތުން ހުއްޓައިލުމަށް ވެސް އުތުރު ކޮރެޔާއިން ގޮވައިލާފައިވެއެވެ. އުތުރު ކޮރެޔާއިން ބުނީ, އެެއީ އުތުރު ކޮރެޔާއަށް އެރުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއް ކަމުގައެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ފަށާފައިވާ އަސްކަރީ ތަމްރީނުތަކަކީ ވަރަށް ވެސް "ފަރުވާކުޑަ އަދި ނުރައްކާތެރި" ތަމްރީނުތަކެއްގެ ގޮތުގައި އުތުރު ކޮރެޔާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލެއް ސިފަކުރިއެވެ. އަދި, މި ތަމްރީނުތަކުގައި އދގެ މެންބަރު ޤައުމުތަކުގެ ތެރެއިން 11 ޤައުމެއްގެ ސިފައިން ބައިވެރިވާ ކަން ފާހަގަކޮށް, އުތުރު ކޮރެޔާއިން ވަނީ ތަމްރީނުތައް ކުށްވެރި ކޮށްފައެވެ. މި ފަދަ އަމަލުތަކާ ގުޅިގެން "ނިއުކްލިޔަރ ހަނގުރާއެއް ފެށުމުގެ ބިރު އިތުރުވެފައިވާ ކަމުގައި" ވެސް އުތުރު ކޮރެޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

ނަމަވެސް, ދެކުނު ކޮރެޔާއިން ވަނީ އުތުރު ކޮރެޔާގެ މި އިންޒާރުތަކަށް ރައްދު ދީފައެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ, މިއީ އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ތައްޔާރުވުމުގެ ގޮތުން ހިންގަމުންދާ ތަމްރީނުތަކެއް ކަމުގައެވެ. އަދި, މި ތަމްރީނުތަކުގެ ސަބަބުން އުތުރު ކޮރެޔާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގައި ވެސް ދެކުނުން ބުނެއެވެ.

"މި ތަމްރީނުތަކާ ގުޅުގައި, އުތުރު ކޮރެޔާއިން ދެކުނު ކޮރެޔާގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގައިފި ނަމަ, އެ ކަމަކަށް ރައްދު ދޭނަން. އަދި, މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި ދެމި އޮންނާނަން،" ދެުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ފްރީޑަމް ޝީލްޑްގެ ނަމުގައި ހިންގަމުންދާ އަސްކަރީ ތަމްރީނުތައް މާރިޗު 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.