ޚަބަރު

ރަމަޟާން މަހު އަލް-އަޤްޞާއަށް ވަދެވޭނީ މަދު ޢަދަދެއްގެ މުސްލިމުންނަށް


ބަރަކާތްތެރި ރަމަޟާން މަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެވޭނީ ވަކި ޢަދަދެއްގެ ބަޔަކަށް ކަމުގައި ޔަހޫދީން ކަނޑައަޅައިފިއެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ, މީގެ ކުރީގެ އަހަރުތަކުގެ ރަަމަޟާން މަހެކޭ އެއްގޮތަށް, ކުރިއަށް އޮތް ރަމަޟާން މަހު ވެސް އަޤްޞާގައި ނަމާދުގެ ޖަމާޢަަތުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނީ މަދު ޢަދަދެއްގެ ބަޔަކަށް ކަމުގައެވެ.

މި ކަން އިޢުލާނު ކޮށް ޖައްބާރު ނަތަންޔާހޫގެ އޮފީހުން ބަޔާނެއް ނެރުނު ނަމަވެސް, މިސްކިތަށް ވަދެވޭނީ ކޮން ޢަދަދަކަށް ކަން ސާފުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން ޔަހޫދީ ނަތަންޔާހޫ ވަނީ, ރަމަޟާން މަހު އަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ހުރަސް އަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް, މިއީ މުސްލިމުން ބަލައިގަންނަ ނިންމުމެއް ނޫނެވެ.

ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ސަރުކާރުން ބުނީ, އަޤްޞާއަށް ވައްދާ މުސްލިމުންގެ ޢަދަދު ހަފުތާއަކު އެއް ފަހަރު މުރާޖަޢާ ކުރާނެ ކަމުގައެވެ. މިއީ, ބައިތުލްމަޤްދިސްގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ނަމުގައި ޔަހޫދީން ހިންގާ ނާތަހުޒީބު ޢަމަލެކެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން އިސްލާމީ ކަންތައްތަކާ ފަލަސްޠީނުގެ ބެހޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ޔަހޫދީންގެ މި އަމަލު ކުށްވެރި ކޮށްފައެވެ. އަދި, ޙަމާސުން ވަނީ, ރަމަޟާން މަސް ފެށުމާ އެކު, ވީހާ ވެސް ގިނަ ޢަދަދެއްގެ މުސްލިމުން އަޤްޞާއަށް ދިޔުމަށް ގޮވައިލާފައެވެ.

"ބައިތުލްމަޤްދިސާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް އަޅުގަނޑުމެން މި ގޮވައިލަނީ, ރަމަޟާން މަސް ފެށުމާ އެކު ވީހާ ވެސް ގިނަ ޢަދަދެއްގެ ބަޔަކު އަޤްޞާއަށް ދިޔުމަށް،" މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ގޮވައިލެއްވިއެވެ.

އަޤްޞާއަކީ އިސްލާމްދީން ފެށިގެން ދިޔަ ދުވަސްވަރު ޢިބާދަތް ކުރުމުގެ ފުރަތަމަ ޤިބުލަ ކަމުގައި ބެލެވުނު ތަނެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އިސްރާގެ ދަތުރުފުޅު ކުރައްވައިފައި ވަނީ މަސްޖިދުލްޙަރަމުން އަޤްޞާއަށް ކަމުގައެވެ. އެއީ, އެ ތަނެއް ވަށައިގެން މާތް الله ބަރަކާތް ލައްވާފައިވާ ތަނެކެވެ. އަދި, ރަސޫލާ ﷺ އިސްރާގެ ދަތުރުފުޅާ ގުޅިފައިވާ ބަރަކާތްތެރި މަޤާމުފުޅެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެތަކެއް ހާސް މުސްލިމުންނެއް އަޤްޞާއަށް ޒިޔާރަތް ކުރެއެވެ.