ޚަބަރު

ނީލަން ފިހާރަތައް ހިންގަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި


  • ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ވަނީ ހަމަޖައްސާފައި

  • އިން ވަކި ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ނީލަން ވިޔަފާރިތައް އަލުން ފެށުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފިއެވެ.

ނީލަން ފިހާރަތައް ހިންގުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާކަން ހާމަކުރެއްވީ ހަފްތާ 14ގެ ވަޢުދުތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ ނީލަން ފިހާރަތައް އަލުން ހުޅުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އިން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމުގެ ގޮތުން އެކަމަށް ޚާއްސަ ބިމެއް ކަނޑައެޅުން. މިއީ ވެސް 14 ވަނަ ހަފްތާގައި ފުރިހަމަ ކުރެވުނު ވައުދެއް. މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމްތައް ހަމަޖައްސާދިނުމުގެ ގޮތުން ހުޅުމާލެ ފޭސް1 ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ވަނީ ހަމަޖައްސާދީފައި. މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމާއި ފުރިހަމަ ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް" ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވިއެވެ.

މާލޭގެ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގި ނީލަން ފިހާރައިގައި އެތައް ފަހަރަކު ރޯވެ ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިފައިވެއެވެ. އެގޮތުން އެންމެ ފަހުން މިިދޔަ އަހަރު ކުރީކޮޅު ނީލަން ފިހާރަތައް ހިންގި ތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ގާތްގަޑަކަށް 3 ގަޑިއެއްހާއިރު ފަހުންނެވެ. މި ހާދިސާގައި ނީލަން ފިހާރައާއެކު ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުވެސް އަނދައިގެންދިޔައެވެ.

އަދި އެއަށްފަހު އެތަނުގައި ނީލަން ފިހާރަ ނުހިންގޭނެކަމަށް އޭރުގެ މާލެ ސިޓީ މޭޔަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިއެވެ.