ޚަބަރު

ޗަމްޕާ ބްރަދާސް އިން މިފަހަރުވެސް ދިވެހިންނަށް ކާއްޓާއި، ފިޔައާއި ކަރާ ހަދިޔާ ކުރަނީ


  • މިފަހަރު ހަދިޔާ ކުރަނީ 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާ

  • މި ތަކެތި ހަވާލުކުރަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއަށް

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ކުރިއަށް އޮތް ރަމަޟާންމަހަށް ޚާއްސަކޮށް ދިވެހިންނަށް ކާއްޓާއި ކަރާ އަދި ފިޔާ ހަދިޔާ ކުރަން ނިންމައިފިއެވެ.

ޗަމްޕާ ބްރަދާސްއިން މިއަހަރު ހަދިޔާ ކުރަން ނިންމާފައިވާނީ 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާއެވެ. މިތަކެތި ދިވެހި ރައްޔިތުންނަށް ބެހުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ހަވާލުކުރަން ވަނީ ނިންމާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ރޯދަ މަހުގެ ދެވަނަ ދުވަހުގެ ކުރިން އެތަކެތި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއަށް ހަވާލުކުރާނެއެވެ.

މިދިޔަ ރަމަޟާން މަހުވެސް ޗަމްޕާ ބްރަދާސް އިން ވަނީ 15 ޓަނު ކަރަޔާއި ފަންސާސްހާސް ކާށި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހާފައެވެ. ނަމަވެސް މި ފަހަރު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ހަވާލުކުރަން ނިންމާފައިވަނީ ރަށްރަށަށް ވެސް އެ ތަކެތި ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ރައްޔިތުންނަށް މިތަކެތި ހަވާލުކުރުން ކުރިއަށް ދިޔައީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން އެ ތަކެތި ލިބޭ ގޮތަށެވެ.