ޚަބަރު

ޔޫކްރެއިނުން ރަޝިޔާގެ އަސްކަރީ މަނަވަރެއް ފައްތައިލައިފި


ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ އަސްކަރީ މަނަވަރަކަށް ޙަމަލާދީ, އެ އުޅަނދު ފައްތައިލައިފިއެވެ. ޔޫކްރެއިނުން ޙަމަލާ ދީފައި ވަނީ ރަތް ކްރައިމިޔާގެ އައްސޭރިފަށުގައި ކަޅު ކަނޑުގައި ފޯރިމަރަމުން ގެންދިޔަ ރަޝިޔާގެ އަސްކަރީ މަނަވަރެއް ކަމުގައިވާ 'ސިރްގިޔޭ ކަތޯފް'އަށެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާގެ ފައުޖުން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދެކެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ އަޒޯވް ކަނޑާއި ކަޅު ކަނޑު ގުޅޭ ކިއެރްޗްގައި ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ކަނޑުގައި ދުއްވާ އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެންނެވެ. ޙަމަލާތަކުގައި އެ އުޅަނދުގެ ތިން ފަރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި, 65 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އުޅަނދު ފެތިފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ.

މި ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރުތަކަށް އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް, ރަޝިޔާގެ އަސްކަރީ މަނަވަރެއް ފައްތައިލާފައިވާ ކަން އޭނާ ވެސް ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

"ޔޫކްރެއިންގެ ފައުޖުތަކުން އެ ދަނީ އެ މީހުންގެ ކުޅަދާނަ ކަމާއި ގާބިލު ކަން ސާބިތު ކޮށްދެމުން. ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ އަސްކަރީ މަނަވަރުތައް ފައްތައިލާފައި. އަދި, ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް ވައްޓައިލާފައި. އެ މީހުންނަށް ވައިގެ ތެރޭގައި ވެސް, ކަޅު ކަނޑުގައި ވެސް އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެ،" ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ފައުޖުތަކުން ކްރައިމިޔާއާއި ކަޅު ކަނޑުގެ ސަރަޙައްދުގައި ދެމުންދާ ޙަމަލާތައް ފާއިތުވި މަސްތަކުގެ ތެރޭގައި ވަނީ އިތުރު ކޮށްފައެވެ. ފެބުރުވަރީ މަހުގެ ތެރޭގައި ވެސް ޔޫކްރެެއިނުން ވަނީ ރަޝިޔާގެ އަސްކަރީ މަނަވަރެއް ފައްތައިލާފައިވާނެ ކަމަށް ބުނެފައެވެ. މިއީ, ސިރްގިޔޭ ކަތޯފަށް ޔޫކްރެއިންގެ ފައުޖުން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވެސް ޔޫކްރެއިންގެ ފައުޖުން ވަނީ އެ އުޅަނދަށް ޙަމަލާދީ, ގެއްލުންތަކެއް ދީފައެވެ.

އެ އުޅަނދަށް އަމާޒުކޮށް ޔޫކްރެއިންގެ ފައުޖުން ދިން ޙަމަލާއާ ގުޅިގެން, އެ ސަރަޙައްދުގައި އޮންނަ ކިއެރްޗް ބުރިޖުގެ ދަތުރުފަތުރު ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. އެއީ, ރަޝިޔާއާއި ކްރައިމިޔާއާ ގުޅައިދޭ މައި ބުރިޖެވެ. 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ ބިމުގެ ފަސްބައިކުޅަ އެއްބަޔަށް ވަނީ އަތްގަދަ ކޮށްފައެވެ. ރަޝިޔާގެ އަސްކަރީ މަނަވަރަށް ޔޫކްރެއިންގެ ފައުޖުން ޙަމަލާ ދީފައި މި ވަނީ, ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭންގެ ދަށުންނެވެ.