ޚަބަރު

އެމެރިކާއިން ވެސް މިހާރު ބޭނުން ވަނީ ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލަން


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތީ މެދުކަނޑައިލަން އެމެރިކާއިން ވެސް މިހާރު ތާޢީދުކުރާ ކަން ހާމަވެއްޖެއެވެ. ޔަހޫދީންގެ ޢުދުވާނާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެމެރިކާއިން މީގެ ދެ ހަފުތާ ކުރިން އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހެޅިއެވެ. އޭގައި އެމެރިކާއިން ބުނެފައި ވަނީ ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލަން ތާޢީދު ކުރާ ކަމަށެވެ.

އެމެރިކާއިން ފަހުން މި ވަނީ އެ ޤަރާރުގެ ދެލިކޮޕީއަށް ބަދަލުތަކެއް ގެނެސް, އަލުން ހުށަހަޅާފައެވެ. ޤަރާރުގައި މިހާރު އޮތީ, ޔަހޫދީންގެ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ގޮވައިލާފައެވެ. އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ދާދި ފަހުން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެމެރިކާއިން ހުށަހަޅާފައި ވަނީ, މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީންގެ ޢުދުވާންތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ.

ނަމަވެސް, ޙަމާސުން ރަހީނު ކޮށްފައިވާ ހުރިހާ އަސީރުން އެ މުއްދަތުގެ ތެރޭގައި މިނިވަން ކުރަން ޖެހޭނެ ކަމުގައި ވެސް އެމެރިކާގެ ހުށަހެޅުމުގައިވެއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހަޅާފައިވާ ތިން ޤަރާރަކަށް އެމެރިކާއިން ދެކޮޅު ހެދިއެވެ. އަދި, ވީޓޯގެ ބާރުގެ ބޭނުންކޮށް, އެ ޤަރާރުތައް ބޭރު ކޮށްލިއެވެ.

އެންމެ ފަހުން އަލްޖީރިިޔާއިން ހުށަހެޅި ޤަރާރު ބޭރު ކޮށްލުމަށް ފަހު އެމެރިކާއިން ބުނީ, އެ ޤަރާރުގެ ސަބަބުން ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅޭނެ ކަމުގައެވެ. މި މަޝްވަރާތަކަކީ މިޞްރާއި ޤަޠަރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. މި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދަނީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވުމުގެ ބާރު މިހާރު އޮތީ ޙަމާސް ޖަމާޢަތުގެ އަތުގައި ކަމަށެވެ. ޔަހޫދީންގެ ޖައްބާރު އަމަލުތައް ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިފާޢުކޮށް, ޔަހޫދީން ހިމާޔަތް ކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ނަމަވެސް, ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގޮވައިލާ ހުށަހެޅި ދެ ޤަރާރެއް ފާސް ކުރުމަށް އެމެރިކާއިން ވަނީ ފުރުޞަތު ދީފައެވެ. އެ ދެ ޤަރާރުގެ ވޯޓުގައި އެމެރިކާއިން ބައިވެރިއެއް ނުވެއެވެ.

ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން ޙަމާސުން ބުނީ, އެއްބަސްވުމެއް އެކުލަވައިލެވެން ދެން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގައެވެ. "ޔަހޫދީންގެ ޢުދުވާންތަކަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި އަޅުގަނޑުމެން މި ދަނީ އެއްބާރުލުން ދެމުން. ނަމަވެސް, ޔަހޫދީންގެ ފަރާތުން އެ މަންޒަރެއް ނުފެނޭ،" ޙަމާސުން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުން ޙަމާސާ އެކު މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް, މި ކަމުގައި ޔަހޫދީން ބައިވެރިއެއް ނުވެއެވެ. މަޝްވަރާތަކުގައި މަސައްކަތް ކުރަމުން ދަނީ 40 ދުވަހުގެ މުއްދަތަކަށް ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށެވެ. އަދި, ރަމަޟާން މަސް ފެށުމުގެ ކުރިން ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ.