ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


  • ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވާފައިވޭ

  • ޕާކިސްތާނުގެ ސަރުކާރާ ބޮޑުވަޒީރާއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަން ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ސަރުކާރާ ބޮޑުވަޒީރާއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. އަދި ދެޤައުމުންވެސް ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމުކުރުމާއެކު އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

އައު ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި 201 މެންބަރުންގެ ތާޢީދު ޝެހްބާޒް ޝަރީފްވަނީ ހޯއްދަވާފައެވެ. ޝެހެބާޒް ޝަރީފަކީ, ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ވާދަކުރި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.