ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ބޭނުންފުޅުވަނީ ރާއްޖެއާއެކު ބާއްވާ ދިފާޢީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށްކަމަށް އެ ޤައުމުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
ލަންކާގެ ދިފާއީ ވުޒާރާއިން މިކަން ހާމަކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޕްރެމިތާ ބަންޑާރަ ޓެންނަކޫންއާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސްވެެރިން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓާޒް، ބަންޑާރަ ކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފު ވިދާޅުވީ ވޭތުވެދިޔަ ދިގު ތާރީހުގައި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަމަށެވެ. މީގެއިތުރުން ދިވެހި ސިފައިން ތަމްރީންކުރުމުގައި ލަންކާއިން ފޯރުކޮށްދެމުން ޕްރޮފެޝަނަލް އެހީތެރިކަމާއި، އެ ތަމްރީންތަކުގެ ފެންވަރު ރަނގަޅުކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްގެ ސިފައިންގެ ތަމްރީންތަކެއް ލަންކާގައި ކުރިއަށްދާކަން ފާހަގަކޮށް، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ލަންކާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޕްރެމިތާ ބަންޑާރަ ޓެންނަކޫން ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ލަންކާއާއި ރާއްޖޭގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަަރަށް ބޮޑަށް ބޭނުންފުޅުވާކަންވެސް ސްޓޭޓް މިނިސްޓަރ ވަނީ މި ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ.
ލަންކާގެ ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ސަލަމާތާއި ހަމަޖެހުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދުނިޔޭގައި ހިނގަމުންދާ ބައެއް ހަނގުރާމަތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގައި ހިނގާ ކަންކަން އިތުރުވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރާއްޖޭގެ އަސްކަރިއްޔާގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ލަންކާގެ ވަފުދަށް ދެއްވާފައެވެ. އަދި މި މައުލޫމާތުތަކުގެ އަލީގައި ދިފާއީ ދާއިރާތަކުގެ ތެރެއިން އައު ގުޅުންތައް ޤާއިމްކުރުމަށް ބޭނުންވާ ދާއިރާތަކެއް ކަނޑައެޅި، އެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރެއްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފުގެ އަރިހުގައި ސިފައިންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ލަންކާގެ ޑިފެންސް މިިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަރިހުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއާއި އަސްކަރިއްޔާގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.