ޚަބަރު

ޤަވައިދާ ޚިލާފަށް އުޅުނު 290 ބިދޭސީން ޑީޕޯޓްކޮށްފި


  • މިވަގުތު ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީން އެބަތިބި

  • ގިނައީ ބަންގްލަދޭޝް މީހުން

  • ވެތުވެދިޔަ 20 ދުވަހުގެ ތެރޭ 68 ބިދޭސީން ޑީޕޯޓް ކުރި

މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޤަވައިދާ ޚިލާފަށް އުޅެމުން ދިޔަ 290 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ހާމަަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ދާޚީލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ހޯމް ސެކްޓަރގައި ހިމެނޭ މުއައްސަސާތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތްތަކާއި އެފަދަ މީހުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް އޮތީ ހުއްޓާލާފައިކަމަށެވެ. ނަމަވެސް މި ސަރުކާރުން އަލުން އެ މަސައްކަތްތައް ފަށްޓަވާފައިވާކަން ޝަމްއާން ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާތަނަށް ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 527 ބިދޭސީން ރީ އިންޓަގްރޭޓް ނުވަތަ ޤަވައިދަށް ފައްތާފައިވާކަމަށެވެ. އަދި މިހާތަނަށް 290 މީހަކު ޑީޕޯޓް ކޮށްފައިވާކަމަށް ޝަމްއާން ވިދާޅުވިއެވެ. ޝަމްއާން ވިދާޅުވީ، އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އެހެނިހެން ފަރާތްތައް ގުޅިގެން މިހާތަނަށް ކުރި މަސައްކަތުގެ ދަށުން 817 ބިދޭސީއަކު އަނބުރާ އެމީހުންގެ ޤައުމަށް ފުރުވާލާފައިވާކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބައެއް ބިދޭސީންގެ އަތުގައި ޕާސްޕޯޓް ނޯންނަ މައްސަލަ. މިފަދަ ހާލަތްތަކުގައި އެމްބަސީތަކާ ގުޅިގެން ޕާސްޕޯޓްގެ ބަދަލުގައި ޓްރެވެލް ޑޮކިއުމަންޓްއެއް ހޯދުމަށް ރިކުއެސްޓްކުރަން.. ޓްރެވެލް ޑޮކިއުމަންޓްތައް ލިބުމުން އެމީހުން ފުރުވާލަނީ. ނަމަވެސް ޕާސްޕޯޓްއޮންނަ ފަރާތްތައް ޑިޓެންޝަން ސެންޓަރުގައި މާ ގިނަ ދުވަސް ނުކޮށް ޑީޕީޓް ކޮށްލުމުގެ ކަންކަން ކުރިއަށް ގެންދެވޭ." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވިދާޅުވިއެވެ.

ޤަވައިދާ ޚިލާފަށް އުޅޭމުންދިޔަ ބިދޭސީން ހޯދުމަށް ވޭތުވެދިޔަ 20 ދުވަހު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝަމްއާން ވިދާޅުވީ ނޭޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓީން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންގެ ތެރެއިން މުހިއްމު 6 ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދެވިކަމަށެވެ. އަދި އިމިގްރޭޝަނާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން ޚާއްސަ 3 އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މި އޮޕަރޭޝަންތަކުގެ ތެރޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އޭގެ ތެރޭގައި 3 އަންހެނުންނާއި 45 ފިރިހެނުން ހިމެނެއެވެ.

އިމިގްރޭޝަން ކޯންޓްރޯލަރ ވިދާޅުވީ މިވަގުތުވެސް ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީން ތިބިކަމަށެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 103 މީހުންނާއި އިންޑިއާގެ 4 މީހަކާއި ސްރީލަންކާގެ 4 މީހެއްގެ އިުރުން ނޭޕާލްގެ 3 މީހުން ތިބިކަމަށެވެ. އަދި މި މުއްދަތުގައި ޤަވައިދާ ޚިލާފަށް އުޅެމުން އައި 68 ބިދޭސީއަކު ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައިވާކަމަށް ޝަމްއާން ވިދާޅުވިއެވެ.

"މިއީ އިމިގްރޭޝަންގެ ޤާނޫނާ ޤަވައިދާ ޚިލާފުވެގެންނާއި އެހެނިހެން ހުއްދަތަކާ ޚިލާފުވެގެން. ޑީޕޯތްކޮށްފައިވާ މީހުން .އަމިއްލައަށް ފުރަން ބޭނުންވެގެން 113 ބިދޭސީން ފުރުވާލާފައިވާކަމަށް. އޭގެ ތެރޭގައި 108 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ޑިސެމްބަރުމަހު ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ވޯކް ޕާމިޓް ދޫކޮށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދުކަމަށް ނިޒާމުގެ ތެރެއިން ފެންނަންހުރީ 139000 އެއްހާ މީހުންނެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ޢަދަދަކީ 90634 އެވެ. ރާއްޖޭގެ ޤާނޫނުތަކުގައިވާ ގޮތުން، އެއް ޤައުމަކުން މަސައްކަތް ކުރުމަށް ރާއްޖެއަށް އެންމެ ގިނައިން އެތެރެވެވޭނީ 1 ލައްކަ މީހުންނަށެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެކަމަށް ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ ވިދާޅުވެފައެވެ. މީގެ އިތރުން ސަރުކާރުން މިހާރުވަނީ ރާއްޖެ އެތެރެވާ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމްވެސް ހަރުދަނާ ކޮށްފައެވެ.