ޚަބަރު

ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި


  • މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

  • ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވި

  • ގިނަ ބައެއްގެ ތަޖުރިބާ ފަނޑިޔާރުގެއަށް އައުމަކީ ފަނޑިޔާރުގެ މުއްސަނދިވާނެކަމެއް

ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް، ޖޭ.އެސް.ސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަކުން އެކަނި ފަނޑިޔާރުގެ މިނިވަން ނުވާނެކަމަށް ވިދާޅުވިއެވެ. ފަނޑިޔާރުން މިނިވަން ބަޔަކަށްވާނީ، ޤާނޫނު އަސާސީގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމުން ކަމަށް އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގިނަ ބައެއްގެ ތަޖުރިބާ ފަނޑިޔާރުގެއަށް އައުމަކީ ފަނޑިޔާރުގެ މުއްސަނދިވާނެ ކަމެއްކަމަށާއި އެކަމަށްޓަކައި ދެޖިންސުގެ ބޭފުޅުންވެސް ފަނޑިޔާރު ގޭގައި ތިއްބެވުން މުހިއްމުކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެން އަދި ފިރިހެން ބޭފުޅުންގެ ތަޖުރިބާ އަދި އެބޭފުޅުންގެ ޢިލްމާއި ޙިލްމު ޖުޑިޝަރީއަށް މުހިއްމުކަން އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ވިދާޅުވީ ކޯޓުގެ އައު އިމާރާތާއެކު، ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށެވެ.

އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ނ.ލަންދޫ ކައުންސިލާއި، ކޮންޓްރެކްޓަރ، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި، ލަންދޫ ކޯޓުގެ މެޖިސްޓްރޭޓާއި، މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންގެ ބުރަ މަސައްކަތްތައް ރިޒްނާ ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު ނ. އަތޮޅަށް ކުރައްވާ މި ދަތުރުގައި، ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމުގެ އިތުރުން، ނ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ޙާލަތު ބަލައި، ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވާނެއެވެ.

މިދަތުރުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރާއި، ސިވިލް ކޯޓުގެ އިސް ޤާޟީ އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެވަޑައިގަންނަވައެވެ.