ޚަބަރު

ދައްކަންޖެހޭ ބިލުތައް ދައްކައި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށިއްޖެ: ރައީސް


  • ރައީސް ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް

  • ކުންފުނިތަކަށް އަދާކުރަންޖެހޭ ދަރަނި އަދާކުރަން ފަށާފައިވާކަމަށް ވިދާޅުވި

  • މިއާއެކުއެކީގައި އިޤްތިޞާދަށް ފައިސާ ވަންނާނެ މަސައްކަތްތައްވެސް ފައްޓަވާފައިވާކަމަށް ވިދާޅުވި

ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް އަނެއްކާވެސް ފަށައިގެން ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ.އަތޮޅު ކެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ރަށްރަށުގެ ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައިކަމަށެވެ. އެ މަސައްކަތްތައް ހުއްޓިފައިހުރީ މަސައްކަތްކުރި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނިމިދިޔަ ސަރުކާރުން ނުދައްކާ އޮތުމުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށާއި، ހަމައެކަނި ފެނަކަ ކުންފުނިންވެސް 4 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ނުދައްކާ އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެތައް ޚިދުމަތެއް ނުލިބި އޮތްކަންވެސް ލިބުމާއި ހަމައަށް ނުގޮސް އެތައް މަސައްކަތެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދައްކައި، ވަރަށް ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ،މާލީ ހާލަތު އޮތީ ވަރަށް ދެރަ ހާލަތެއްގައިކަމަށާއި އެހެންކަމުން ކުންފުނިތަކުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުނިތަކަކަށް ހެދުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ. އަދި އެއާއެކުއެކީގައި އިޤްތިޞާދަށް އިތުރު ފައިސާ ވަންނާނެ މަސައްކަތްތައްވެސް ފައްޓާވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއަރޕޯޓްތައް ނިންމާ ހުޅުވުމަށް އިސްކަން ދެނީ އަވަސް ސްޕީޑްގައި އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށް މަގުފަހިވަނެތީ. ދަރަނި ދެއްކުމުގެ ފުދުންތެރިކަން ލިބޭނެތީ. ކުރިއަށް އޮތީ ނަތީޖާ ފެންނަނެ ދުވަސްތަކެއް." ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބ.ކެންދޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު އެރަށުގެ ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމާއި ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ބިންހިއްކުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ޤާއިމުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ މަގު ހެދުމާއި ސިއްޙީ ހިދުމަތްތަކާއި އަދި ތަޢުލީމީ ދާއިރާ އިތުރަށް ތަރައްްޤީކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.