ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރ ފެށުމާއި ގުޅޭ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި


  • މިއަހަރު 10 އަތޮޅެއްގައި މި ޕްރޮގްރާމް ފަށާނެ

  • 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރާނެ

ޕްރައިމަރީ ހެލްތް ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ސިއްހަތާއިބެހޭ ވުޒާރާއިން މި ޕްރޮގްރާމަކީ ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ފެށި ޕްރޮގްރާމެއްކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ފ.އަތޮޅުގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު މިހާރު ކުރިއަށްދާ ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.

ސިއްހަތާއިބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރު ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތްދޭ ޕްރޮގްރާމް 10 އަތޮޅެއްގައި ހިންގުމަށް ނިންމަވާފައިވާކަމަށެވެ. އަދި 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް މި ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިބްތިދާއީ ސިއްހީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމަށް ފެށި މި ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި ކޮންމެ ރައްޔިތެއްގެ ވެސް މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑުކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ސިއްޙީ ޚިދުމަތްތެރީން ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ މަޢުލޫމާތު ފޯރުކޮށް، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، އިބްތިދާއީ ސިއްޙީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

އިބްތިދާއީ ސިއްޙީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާ ޓީމުގައި ސިއްޙީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭކަމަށް ސިއްހަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.