ޚަބަރު

ޕާކުކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހި އަނިޔާވި މީހާގެ ޙާލު ސީރިއަސް


  • އަނިޔާވެފައި ވަނީ 19 އަހަރުގެ ފިރިހެނަކަށް

  • އަނިޔާވި މީހާގެ ހާލު ސީރިއަސް

  • ޓްރީޓޮޕްގައި ދަނީ ފަރުވާ ދެމުން

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ޙާލު ސީރިއަސްކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އަނިޔާވި މީހާގެ ހާލު ކްރިޓިކަލްކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުންކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ، ސައިކަލް ދުއްވަންއިން މީހާއަށް އަނިޔާވެފައިވާއިރު ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި މި ޙާދިސާގައި އިމިިގްރޭޝަންގެ ވެހިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުވެފައި ވަނިކޮށް ފެނުނީ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެއީ ރޭ ދަންވަރު 2:30 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.