ޚަބަރު

"ހުއްދަ ނުނަގާ ކާބޯތަކެތި ވިއްކާ ތަންތަނާއި ސާފު ތާހިރުކަން ކުޑަ ކެފޭތައް މާލޭގައި ގިނަ"


  • މި ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅާނެ

  • ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން މާލޭގައި އެބަހުރި

ހުއްދަ ނުނަގާ ކާބޯތާކެތި އުފައްދާ ވިއްކަމުންދާ ތަންތަނާއި ސާފުތާހިރުކަން ކުޑަ ކެފޭތައް މާލޭގައި އެބަހުރިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ވިދާޅުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލުމަށްފަހު ނެރުނު ބަޔާނެއްގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެ އިންސްޕެކްޝަނުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ އެތައް ތަނެއް މާލޭގައި ހުރިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގިނައީ ކުދި ކުދި ކެފޭތައް ކަމަށާއި އަދި ބިދޭސީން ހިންގާ ތަންތަން ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުއްދަ ނުނަގައި ބިދޭސީން ކާބޯތަކެތި އުފައްދަމުން ގެންދާ އެތައް ތަނެއްވެސް މި އިންސްޕެކްޝަންގެ ތެރެއިން ހޯދިފައިވާކަމަށާއި އަދި މިތަންތަނުގެ މައުލޫމާތު ނަގައި އެއްކޮށްފައިވާ ކަމަށްވެސް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީކައުންސިލުން ވިދާޅުވީ މި ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ ކުރިންވެސް ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. ގިނަ ފަހަރު މިފަދަ ކަންކަން ފާހަގަވަނީ ބިދޭސީންނާއެކު ހިންގާ ކުދި ކެފޭތަކުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރެއެވެ. ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތައް މަދެވެ.