ޚަބަރު

އެމްއެންޔޫގެ "ފަހި ސުފުރާ" މައުރަޒު ހުޅުވައިފި


  • މިމަޢުރަޒުގައި 13 ފަރާތަކުން ބައިވެރިވި

  • މަޢުރަޒް ކުރިއަށް ދާނީ 4 މާރޗްގެ ނިޔަލަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫއިން ކުރިއަށްގެންދާ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" ހުޅުވައިފިއެވެ.

މި މައުރަޒަކީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމުގެ މަޤުސަދުގައި ބާއްވާ މައުރަޒެކެވެ. އަދި ސިއްޙަތަށް ފައިދާހުރި ދިވެހި އުފެއްދުންތެރިންގެ ކާބޯތަކެއްޗަށް އަހުލުވެރިކުރުވުމާއި މިފަދަ ތަކެތި ތައްޔާރުކުރުމަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމެވެ.

މި މައުރަޒު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ. މާދަމާގެ ނިއަލަށް ކުރިއަށްދާ މިމައުރަޒް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން 6 އަށް، އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.

މިމަޢުރަޒްގައި ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 13 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. އަދި ޔުނިވަރސިޓީގެ ސްޓާފު ކުލަބުގެ ސްޓޯލެއްވެސް މައުރަޒުގައި ހިމެނެއެވެ. މި މަޢުރަޒުން 100އަށް ވުރެ ގިނަ ވަތްތަރުގެ ކާބޯތަކެތި ލިބެން ހުންނާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު އާއްމުކޮށްވަނީ ހުޅުވާލާފައެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި މައުރަޒު ބާއްވާ 3 ވަނަ އަހަރެވެ. އެންމެ ފުރަތަމަ މި މައުރަޒު ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ.