ކުޅިވަރު

ހޭންޑްބޯޅައަކީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރު: މުޖޭ


ހޭންޑްބޯޅައަކީ ރާއްޖޭގައި މިހާރު ކުޅެމުންދާ ކުޅިވަރުތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި ދިރާސާއެއް ހެދި ނަމަވެސް ފެންނަ އޮންނާނީ ހޭންބޯޅަ ކުރިއަރަމުންދާ މަންޒަރު ކަމަށާއި، އެކަން ގިނަ ބަޔަކު ގަބޫލުވެސް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ކުޅިވަރަށް މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުޅޭނެ ތަންތަން މަދުވުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގައި ކުޅިވަރު ކުޅޭނެ ދަނޑުތަކެއް އިތުރަށް ގާއިމުކުރެވެން ޖެހޭ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

"
އަޅުގަނޑުމެން މި މިއްސަލައިގައި އެޗްޑީސީއާ ބަދައްލުވެސް ކުރިން. ހަމަ ފްލެޓް އަޅަމުން ދަނީ. ހުސްއެކަނި ހޭންޑްބޯޅައިގެ ވާހަކައެއް ނޫން އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެންނަކަށް ނެތް މާލޭގައި ފިޔަވާ އެހެން ދަނޑެއް.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

މުޖުތަބާ ވިދާޅުވީ އެޗްޑީސީއެކު ކުރެވުނު މަޝްވަރާތަކުގައި ހުޅުމާލޭގައި ވަގުތީ ގޮތުން ނަމަވެސް ހޭންޑްބޯޅަ ކުޅޭނެ ދަނޑެއް ގާއިމުކުރުމަށް އެދިފަވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އެކަނި ހޭންޑްބޯޅަ ކުޅޭ 15 ކުލަބު އޮންނަ ކަމަށާއި، މާލެއާ އެއްވަރަކަށް ވައިޑީޕީ ޕްރޮގްރާމުތައްވެސް ހުޅުމާލޭގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ވައިޑީޕީ ޕްރޮގްރާމުތަކުގެ އަދަދު 150 އަށްވުރެ ގިނަކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ އެ މަސައްކަތް ކުރަން އެންމެ ދަނޑެއް އޮތުމުން ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ރަނގަޅުނުކޮށް, ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކުރަން އުނދަގޫ ވާނެ ކަމަށާއި، އެއީ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"
އަޅުގަނޑުމެން ނުބުނަން ބޮޑެތި ދަނޑުތަކެއް ދޭން. އަޅުގަނޑުމެން ކުރިންވެސް ކުޅުނީ ވެލީގައި. ޕްރެކްޓިސް ކުރާނެ ތަންތަން ލިބުމުން މަޑުމަޑުން އެތަންތަންވެސް ތަރައްގީވާނެ.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

މުޖުތަބާ ވަނީ ހޭންޑްބޯޅައަށް މިހާރު އެންމެ ދަނޑަކުން ނުފުދޭ ކަމަށް ވިދާޅުވެ، ސަރުކާރުން އެކަމުގައި އެ އެސޯސިއޭޝަނަން އެހީތެރިވެދެއްވުމަށް އެދިވަޑައިގެންފައެވެ.