ޚަބަރު

ޙޫޘީން ޙަމަލާދިން އިނގިރޭސިވިލާތުގެ އުޅަނދު ފެތިއްޖެ


ރަތް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ރޫބީމާރްގެ ނަން ދީފައިވާ އިނގިރޭސިވިލާތުގެ އާގުބޯޓު ފެތިއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ޔަމަނުގެ ޢަދަންގައި ގާއިމު ކޮށްފައިވާ ސަރުކާރުންނެވެ. ނަމަވެސް, ވެރިރަށް ސަންޢާގައި ވެރިކަން ކުރާ ޙޫޘީން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެއީ, ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރުތަކަށް ނޮވެންބަރު މަހު ޙޫޘީން ޙަމަލާދޭން ފެށި ފަށުން އާގުބޯޓެއް ފައްތައިލާފައިވާ ފުރަތަމަ ފަހަރެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޢުދުވާން ހިންގަން ފެށުމާ ގުޅިގެންނެވެ. އެއީ ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙޫޘީން ދެމުންދާ ޙަމަލާތަކެކެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރަށެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ ބޯޓުފަހަރާއި ޔަހޫދީންނާ ގުޅުން ހުރި ކުންްފުނިތަކުން އޮޕަރޭޓް ކުރާ ބޯޓުފަހަރު ހިމެނެއެވެ. ރަތް ކަނޑާއި ބާބް އަލްމަންދަބީގެ އިތުރުން ޢަދަން ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ތެދުވެފައެވެ.

އަދި, ޙޫޘީންގެ ޙަމަލާތަކަށް ނިމުމެއް ގެނައުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފަށާފައިވެއެވެ. ނަމަވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ޔަމަނަށް ބޮން އަޅަން ފެށުމުން ޙޫޘީން ވަނީ ރަތް ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުތަކަށް ނިސްބަތްވާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދޭން ފަށާފައެވެ.

ރޫބީމާރަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ, ބެލީޒްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ދުއްވާ އާގުބޯޓެކެވެ. އާގުބޯޓުފަހަރަށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި އެމްބްރީން ބުނީ ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ރޫބީމާރްގައި ތިބި ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމުގައެވެ.

ޔަމަނުގެ ސަރުކާރުން ބުނީ, ޙޫޘީންގެ ޙަމަލާތަކުގައި ރޫބީމާރް ފައްތައިލުމުން, އެ ސަރަޙައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގައެވެ. މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި އިދާރާ, ޔޫއެސް ސެންޓްރަލް ކޮމާންޑުން ބުނީ, އެ އުޅަނދުގައި 41,000 ޓަނުގެ ގަސްކާނާ ހުރި ކަމުގައެވެ. އަދި, އެ އުޅަނދުން ކަނޑަށް ތެޔޮ އެޅެމުންދާ ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް, އެ އުޅަނދު ފެތިފައިވާ ކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.