ޚަބަރު

ހ.ސަންގްރޭޒްގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 2 މީހަކަށް ފަރުވާދެނީ


ހ.ސަންގްރޭޒްގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 2 މީހަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

ހ.ސަންގްރޭޒްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އިރުއޮއްސި 18:07ހާއިރުއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން މިގޭގައި ރޯވި އަލިފާންވަނީ 18:23 ހާއިރު ނިއްވާލާފައެވެ.

އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ އެއިމާރާތުގައި ހުރި އަވަނެއް އޯވަރ ހީޓްވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއި، ފިރިހެނަކު އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ. މިދެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ދިވެހި ރެޑް ކްރެސެންޓުގެ އެހީގައި ކަމަށާއި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައީ ދުމުގެ އަސަރުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ އިތުރުން ގެއިން ނިކުންނަން އުޅުމުގެ ތެރޭގައި ފައި ހަލާކުވި ބިދޭސީއަކުވެސް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.