ޚަބަރު

ހުޅަނގުން ޔޫކްރެއިނަށް ސިފައިން ފޮނުވައިފި ނަމަ ނިއުކްލިޔަރ ހަނގުރާމައެއްގެ ބިރު ބޮޑު: ޕުޓިިން


ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ސިފައިން ފޮނުވައިފި ނަމަ ނިއުކްލިޔަރ ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑު ވެގެން ދާނެ ކަމަށް ވިދާޅުވެ, ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރު ދެއްވައިފިއެވެ. އޭނާ އެ ކަމާ ދެކޮޅަށް އިންޒާރު ދެއްވާފައި ވަނީ, ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިނަށް ސިފައިން ފޮނުވުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެ, ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

މެކްޚޮން ވިދާޅުވީ, ޔޫކްރެއިންގެ މިނިވަން ކަމާއި ސިޔާދަތުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޓޯގެ މެންބަރު ޤައުމުތަކުން ސިފައިން ފޮނުވުމަކީ ކުރެވިދާނެ ކަމެއް ކަމުގައެވެ. ނަމަވެސް, އެމެރިކާއާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން ވަނީ މެކްޚޮންގެ ޚިޔާލާ ދެކޮޅު ހަދާފައެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާއި ހުޅަނގުގެ ބާރުތަކާ ދެެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. އެއީ, 1962 ވަނަ އަހަރުގެ ކިޔުބާ މިސައިލް ކާރިސާއާ ގުޅިގެން ހުޅަނގާއި ރަޝިޔާއާ ދެމެދު އުފެދުނުު ނުތަނަވަސް ކަމަށް ވުރެ ނުރައްކާތެރި ޙާލަތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ހުޅަނގުން ޔޫކްރެއިނަށް ސިފައިން ފޮނުވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ, އެ ފަދަ ޢަމަލެއް ކޮށްފި ނަމަ, ނިއުކްލިޔަރ ހަނގުރާމައެއް ފެށުމުގެ ބިރު އެތަކެއް ގުނައަކަށް އިތުރުވެގެންދާނެ ކަމުގައެވެ. އަދި, ހުޅަނގުގެ ހުރިހާ ޤައުމަކަށް ޙަމަލާ ދިނުމުގެ ގާބިލު ކަން ރަޝިޔާގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމުގައެވެ. ހުޅަނގުގެ ބާރުތަކުން ރަޝިޔާ ބަލިކަށިކޮށް, ނިކަމެތި ކޮށްލަން ރާވައި, މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.

"[ހުޅަނގުގެ ޤައުމުތަކަށް] އިނގެންވާނެ އެ ޤައުމުތަކަށް ޙަމަލާ ދިނުމުގެ ގާބިލު ކަން ހުރި ހަތިޔާރު ރަޝިޔާގައި ހުރި ކަން. ޔޫކްރެއިނަށް ސިފައިން ފޮނުވުމަކީ ނިއުކްލިޔަރ ހަނގުރާމައަކަށް ދަޢުވަތު ދިނުން ފަދަ ކަމެއް. އެއީ, އިންސާނީ ޙަޟާރާތަށް އޮތް ނުރައްކަލެއް. އެ މީހުން އެ ކަން ނޭނގެންވީ ކީއްވެ؟" ޕުޓިން ސުވާލު ކުރެއްވިއެވެ.

ތާރީޚަށް ނަޒަރު ހިންގަވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ރަޝިޔާއަށް އަތްގަދަ ކުރަން ނާޒީ ޖަރުމަނީގެ އެޑޮލްފް ހިޓްލަރާއި ފަރަންސޭސިވިލުގެ ނެޕޮލިއަން ބޮނޮޕާރތު ކުރި ނާކާމިޔާބު ހަނގުރާމަތަކުން ޢިބުރަތް ހާސިލު ކުރަން ހުޅަނގުގެ ބާރުތަކަށް ގޮވައިލައްވާފައެވެ. "އެ މީހުންނަށް [ހުޅަނގަށް] ހީވޭ [ހަނގުރާމައަކީ] ކާޓޫނެކޭ. މިހާރު ޙާލަތު މާ ނުރައްކާތެރި ވާނެ،" ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރިއްޔާގައި ހުރި ނިއުކްލިޔަރ ހަތިޔާރުގެ ގާބިލުކަމާ ގުޅޭ ގޮތުން ވެސް ޕުޓިން ވަނީ ވާހަކާފުުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ, އެންމެ ކުރިއަރާފައިވާ, އަދި އެންމެ ގިނަ ޢަދަދެއްގެ ނިއުކްލިޔަރ ހަތިޔާރު ހުރީ ރަޝިޔާގައި ކަމުގައެވެ. އަދި, ރަޝިޔާގެ އަސްކަރިއްޔާއިން އޮތީ, އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ހަނގުރާމަ ކުރަން ތައްޔާރީ ހާލަތެއްގައި ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާގެ ސިފައިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިންގެ މިނިވަން ކަން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އެމެރިކާއާއި ހުޅަނގުން ދަނީ އެތަކެއް ބިލިޔަން ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.