ޚަބަރު

އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫންގައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެތީ: ފުއާދު


  • މީގެ ކުރީ އިންތިޚާބުތަކުގައި ވޯޓުލާފައިވަނީ ހޮނިހިރު ދުވަހު

  • ވޯޓުލުން އޮންނާނީ 21 އޭޕްރީލްގެ ހެނދުނު 8:00ން ހަވީރު 4:00 އަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމެވީ އިންތިޚާބު ލަސްކޮށްފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤު ވިދާޅުވެއްޖެއެވެ. މީގެ ކުރިން އިންތިޚާބުތައް ބާއްވަމުން އައިސްފައިވަނީ ސަރުކާރު ބަންދު ހޮނިހިރު ދުވަހުއެވެ.

ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 29 ފެބުރުއަރީ ވީ ބުރާސްފަތި ދުވަހުއެވެ. މި އިސްލާހުގައިވާ ގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަވަން ނިންމެވި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އޭޕްރީލް 21ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށްވުރެ އިތުރަށް ލަސްކޮށްފިނަމަ ޤާނޫންގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓުލާ ތާރީޚަށް ގެންނެވި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. މިއާއެކު އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާފައެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ދެވަނަ ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން އަލުން ރީރެޖިސްޓްރީވާން 3 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލި މުއްދަތުގައި ބައެއް ޤައުމުތަކާއި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުންގެ އަދަދު މަދުވުމުން ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމެވީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. ނަމަވެސް އަލުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ވޯޓުފޮށިތަކުގެ އަދަދަށް ވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހެނދުނު 8:00ން ހަވީރު 4:00 އަށް ކަމަށެވެ. އަދި 4:30 ގެ ފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ދާއިމީ ނަތީޖާ އަންނަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.