ރާއްޖެއަކީ މީސްކޮޅު މަދު ޤައުމެއް ނަމަވެސް، ދިވެހި ޒުވާނުންނަކީ ވަރަށް ފަންނުވެރި ބައެއްކަން ދުނިޔޭގެ ފެންވަރުގައި ހޯދަމުންދާ ވަނަތަކުން ހާމަވާކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޔޫތު ހެކަތޯންގައި 10 ޓީމަކަށްވަނީ ފުރުސަތު ދީފައެވެ. މިހެކަތޯނާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ މި ހެކަތޯންގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އެގޮތުން އެކަމަށް ބޭނުންވާ ހުނަރާއި ފުރުސަތުތައް ތަނަވަސްކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަންނިއްޔާތުގައި ދިވެހި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހެކަތޯންގައިވެސް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވާކަމަށެވެ.
" 42 ޒުވާނުން ހަރަކާތްތެރިވާއިރު، 13 އަންހެން ބައިވެރިން ހިމެނޭ، މީގެތެރޭގައި މުޅިން އަންހެން ކުދިން ހިމެނޭ ޓީމެއްވެސް މިތަނުގައި އެބަ ހަރަކާތްތެރިވޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޓެކްނޮލޮޖީއާއި އާއްމު ދިރިއުޅުމާއި އޮތް ގުޅުމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
އަދި ޓެކްނޮލޮޖީއާއި ނުލައި ދިރިއުޅެން އުނދަގޫވެފައިވާއިރު، ދިވެހި ޒުވާނުންވެސް ގިނަ އެޕްލިކޭޝަންތައް ހަދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
" ރާއްޖެއަކީ މީސްކޮޅު މަދު، މީހުންމަދު ތަނެއް ނަމަވެސް، ޒުވާނުންނަކީ ވަރަށް ކްރިއޭޓިވް ބައެއްކަން، ދުނިޔޭގައި ހޯދަމުންދާ ވަނަތަކުން އެނގޭ،" ވަޒީރު ވިދާޅުވިއެވެ.
ޔޫތު ހެކަތޯންގައި 3 ކަމަކަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. އެއީ ކުދި ވިޔަފާރިތަކަށް އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމާއި، ނަފުސާނީ ދުޅަހެޔޮކަމާއި ޞިއްޙަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުމާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ބާރުވެރިކުރުވައި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ދައްކާލުމާއި ކޮންޓެންޓެއް އުފައްދައި ޑިސްޓްރިބިއުޓް ކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޔޫތު ހެކަތޯންގައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޚާއްސަ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.