ވިޔަފާރި

މި އަހަރު 14 ފެއަރއެއްގައި ބައިވެރިވާން ވަނީ ހަމަޖެހިފައި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި 14 ފެއަރގައި ބައިވެރިވާން ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި އެކި ޤައުމުތަކުގެ ޓްރެވަލް އެޖެންޓުންނާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަކީ ރާއްޖެއިން އިސްކަންދޭ ކަމެކެވެ. މިއަހަރުގެ މިހާތަނަށް 8 ފެއަރގައި ރާއްޖެ ބައިވެރިވެ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި އަހަރުގެ ކުރިޔަށް އޮތް މުއްދަތުގައި 6 ފެއަރއެއްގައި ބައިވެރިވުމަށް ރާވާފައިވާކަމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އެ 6 ފެއަރއަކީ ދުބާއީގައި ބާއްވާ އޭޓީއެމް ފެއަރ، ފްރާންސްގައި ބާއްވާ އައިއެފްޓީއެމް ފެއަރ، ޖަޕާންގައި ބާއްވާ ޖާޓާ ފެއަރ، އިޓަލީގައި ބާއްވާ ޓީޓީޖީ އިންކޮންޓްރީ ފެއަރ، އިނގިރޭސިވިލާތުގައި ބާއްވާ ޑަބްލިއުޓީއެމް ފެއަރގެ އިތުރުން ޗައިނާގައި ބާއްވާ ސީއައިޓީއެމް ފެއަރއެވެ. މިއަހަރުގެ ތެރޭ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުކުރައްވާފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ގެ ގޮތުގައި މިއަހަރު ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމަވާފައި ވުމާއެކު މިއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ފެއަރތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި ޚާއްޞަ ޙަރަކާތްތައް އެމްއެމްޕީއާރުސީން އަންނަނީ ހިންގަމުންނެވެ.