ޚަބަރު

ޔަހޫދީންގެ ޢުދުވާނުގައި އަސީރުންގެ އިތުރު ހަތް މީހުން މަރުވެއްޖެ


ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުގައި އަސީރުންގެ އިތުރު ހަތް މީހުން މަރުވެފައިވާ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. އެ ކަން ހާމަ ކުރައްވާފައި ވަނީ ޙަމާސްގެ ހަތިޔާރު އެޅި ގޮފި ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބައިދާއެވެ.

އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން ހަތް މީހުން މަރުވެފައިވާ ކަމުގައި ބުނި ނަމަވެސް އެ މީހުން މަރުވެފައި ވަނީ ކޮން ދުވަހަކު ޔަހޫދީ ފައުޖުން ދިން ޙަމަލާތަކެއްގައި ކަމެއް ސާފެއް ނޫނެވެ. ޙަމާސުން އެ މަޢުލޫމާތު ޙިއްޞާކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ބޮން އަޅައި އަސީރުންގެ ތެރެއިން ބައެއް މީހުން މަރައިލާފައެވެ. އަބޫ ޢުބައިދާ ވިދާޅުވީ, އެންމެ ފަހުން މަރުވި ހަތް މީހުންނާ އެކު, ޔަހޫދީންގެ ޢުދުވާނުގައި މަރުވެފައިވާ އަސީރުންގެ ޖުމުލަ ޢަދަދު 70 އަށް އުފުލިފައިވާ ކަމުގައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސުން ޔަހޫދީންގެ ރަށްތަކަށް އަރައި ހިންގި އަސްކަރީ ޙަރަކާތުގައި ޔަހޫދީންގެ 250އެއްހާ މީހުން ރަހީނު ކޮށްގެން ޣައްޒާއަށް ގެންދިޔައެވެ. ޙަމާސްގެ އަސްކަރީ ޙަރަކާތުގައި ޔަހޫދީންގެ 1,139 މީހުން ވަނީ މަރުވެފައެވެ.

ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އަސީރުންގެ ތެރެއިން 100 އެއްހާ މީހުން މީގެ ކުރިން ވަނީ މިނިވަން ކޮށްފައެެވެ. އޭގެ ބަދަލުގައި ޔަހޫދީން ވެސް ވަނީ, ޔަހޫދީ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ 240 ވަރަކަށް މީހުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,228އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 71,377އަށް އަރައެވެ.