ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚަށް ގެނައި ބަދަލާއެކު އިތުރު 560 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު މިހެން ވިދާޅުވީ އިންތިޚާބުގެ ތާރީޚަށް އައި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހާއެކު މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ މަހަށް ވަނީ ފަސްކޮށްފައެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުއެވެ. އެ އިސްލާހުގައިވާގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށް ކަމަށެވެ. އަދި 4:30 ގެ ފަހުން ވޯޓު ގުނަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ތާރީޚަށް ގެނައި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާފައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ދެވަނަ ފުރުސަތެއް ހުޅުވާލާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އެގޮތުން 3 ދުވަހުގެ މުއްދަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލި މުއްދަތުގައި ބައެއް ޤައުމުތަކާއި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުންގެ އަދަދު މަދުވުމުން އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެގޮތުން، ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމަވާފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. ނަމަވެސް އަލުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ވޯޓުފޮށިތަކުގެ އަދަދަށް ވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.