ޚަބަރު

މަޖިލިސް އިންތިހާބު އޭޕްރީލް 21ގައި ބޭއްވުމަށް ނިންމައިފި


  • ކުރިން އޮތީ އަންނަމަހުގެ 17 ވަނަ ދުވަހު ބާއްވާގޮތަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމަވާފައި ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އަންނަމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރެއްވުމާއި ގުޅިގެން އިންތިހާބު ބާއްވާ ތާރީހު ވަނީ ފަސްކޮށްފައެެވެ.

ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ކޮމިޝަނުގެ ހާއްސަ ޖަލްސާގައި ނިންމެވީ އޭޕްރީލް 21 ވާ އާދީއްތަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އަދި އެ ދުވަހު ވޯޓްލުން ކުރިއަށްދަނީ
ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށްކަމށާއި އަދި ވޯޓު ގުނުމުގެ މަސައްކަތް އެދުވަހުގެ ހަވީރު 0400 ގެ ފަހުން ކުރިއަށްގެންދަވާނެކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އަދި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ކުރިއަށްގެންދަވަމުންނެވެ..