ޚަބަރު

އެހީއަށް މަޑުކޮށްގެން ތިބި ބަޔަކަށް ދިން ޙަމަލާގައި 100އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި ކާބޯތަކެއްޗާއި އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިބި ބަޔަކަށް އަމާޒުކޮށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި 100އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އާލްނަބުލްސީ ސަރަޙައްދަށެވެ. އެ ޙަމަލާގައި އިތުރު 280 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.

އާލްނަބުލްސީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދަށް ޖަމާވެފައި ވަނީ ކާނާއާއި އިންސާނީ އެހީގެ ސާމާނު ހިފައިގެން ލޮރީއެއް އެ ސަރަޙައްދަށް ދަތުރު ކުރަމުންދާތީ ކާބޯތަކެއްޗާއި އެހީގެ ސާމާނު ހޯދުމަށެވެ. އެ ސަރަޙައްދަށް އެހީގެ ސާމާނު ހިފައިގެން އުޅަނދެއް ދަތުރު ކުރަމުންދާ ކަމުގެ މަޢުލޫމާތު ޔަހޫދީންނަށް ކުރިން އޮތީ އަންގާފައެވެ.

ޣައްޒާ ސިޓީގައި އެހީ ހޯދަން މަސައްކަތް ކުރި ބަޔަކަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވުމުން ހުޅަނގު އަައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙްމޫދު އައްބާސްގެ ރަސްމީ އިދާރާއިން ވަނީ އެ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އެ ޙަމަލާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ވިދާޅުވީ އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެއް ފަހަރާ ޝަހީދު ކޮށްލައި އިތުރު ބަޔަކު ޒަޚަމު ކޮށްލުމުން އެ މީހުން ހަސްފަތާލުތަކަށް ގެންގޮސް ޞިއްޙީ ފަރުވާ ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގައެވެ. ޒަޚަމުވި ގިނަ މީހުން ގެންގޮސްފައި ވަނީ އަލްޝިފާއާއި ކަމާލް ޢަދްވާން ހަސްފަތާލަށް ކަމުގައި ޤުދްރާ ވިދާޅުވިއެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ އެ ޙަމަލާ ކުށްވެރި ކޮށްފައެވެ. އަދި ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވައި އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް އެ ފަދަ ޙަމަލާތަކާ ގުޅިގެން އަސަރު ކުރާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. "މި ގޮތަށް ޢާންމުންގެ ލޭއޮހޮރުވައިލަމުން ގެންދާ ނަމަ މަޝްވަރާތަކަށް [ޙަމާސްގެ] އިސްވެރިން ފަސް ޖެހޭނެ،" އެ ޖަމާޢަތުން ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަަދަދު ވަނީ 30,000އަށް އުފުލިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އަށް އަރައެވެ.