ޚަބަރު

މަޖިލީހުން ދަނީ ޝަރުޢީ ދާއިރާއަށް ބާރު ފޯރުވަން މަސައްކަތްކުރަމުން: ރައީސް


  • ސުޕްރީމް ކޯޓުން ނެރުއްވާ އަމުރަށްވެސް ތަބާނުވާ މަންޒަރު ފެންނަކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުން ޝަރުޢީ ދާއިރާއަށް ބާރު ފޯރުވުމަށް މަސައްކަތްކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އުތުރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު އަމަލުކުރަމުންދާ ގޮތާއިމެދު ފާޑު ވިދާޅުވެފައެވެ.

ހޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައިވާ ނިޒާމެއްނަމަވެސް، އެ ނިޒާމުގެ އުސޫލުތަކާއި ހިލާފު މަންޒަރުތައް މިއަދު ފެންނަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ޝަރުޢީ ދާއިރާގެ މައްޗަށް ބާރު ފޯރުވަން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަދު ކަންކަން ގޮސްފައިވާ ހިސާބަކީ ރައްޔިތުންގެ މަޖިލީހުންދަނީ ޝަރުޢީ ދާއިރާއަށް ބާރު ހިންގަމުން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެއަމުރު ނުވޭ އެއްވެސް އެއްޗަކަށް ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަސައްކަތްކުރަނީ ބައެއްގެ ނުފޫޒުގައި ޖެހިގެން ރާއްޖޭގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރުމަށްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކުރާ ބަޔަކު އިންތިހާބުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ ދިވެހީން އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިސްކުރެއްވީ ހަގީގީ މާނައިގައި ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކުރުމަށްކަމަށެވެ. އެހެންކަމުން އެކަންކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުވެގެންދާނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރު ރާއްޖެއަށް ކަށަވަރުވާ ހިސާބުންކަމަށެވެ. އަދި އެކަން ކުރެއްވުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށާއި، އެ ރޮނގުން ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.