ކުޅިވަރު

ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް ހަވާލުކޮށްފި


ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިޙްނާން އިވެސްޓްމަންޓާއެވެ.

މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި ތިޙްނާން އިވެސްޓްމަންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ޙަސަން އަޙްމަދެވެ.

މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް ތިޙްނާން އިވެސްޓްމަންޓާ ހަވާލުކުރީ 1،880،511.32 (އެއްމިލިޔަން އަށްލައްކަ އަށްޑިހަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ބާރަ ލާރި) އަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 59 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އަދި މި 59 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް ތިޙްނާން އިވެސްޓްމަންޓަށް 14 ދުވަސް އިތުރަށް ލިބޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.