ޚަބަރު

ލަންކާއަށް ބަލިމީހުން އުފުލުމުގެ ހުއްދަ ދެ ގަޑިއިރުތެރޭގައި ލިބޭގޮތް ހަމަޖައްސައިފި


  • ކުރިން ހުއްދަ ލިބެން 6 އާއި 24 ގަޑިއިރު ނަގާ

  • ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށް ވަނީ ނިންމާފައި

  • އެއަރ އެންބިއުލާންސްގެ ޚިދުމަތް އަންނަ މަހު ތަޢާރަފްކުރާނެ

ރާއްޖެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ކުޑަކޮށްފިއެވެ.

މިއީ މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

އެއަރ އެމްބިއުލާންސް އޮޕަރޭޓްކުރުމަށް ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ކުޑަކުރީ މިދިޔަ މަހުގެ ފަހުކޮޅު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސްރީލަންކާއަށް ކުރެއްވި ދަތުރުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައެވެ.

މީގެ ކުރިން ރާއްޖެއިން ސްރީލަންކާއަށް ބަލިމީހުން އުފުލުމަށް ހުއްދަ ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ. ނަމަވެސް މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސާއި، އެނޫންވެސް އިމަރޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހާ ހުއްދަ ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. އެގޮތުން މިއިންތިޒާމްތައް ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. އެގޮތުން މިއީ އިމަރޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރައްވާފައިވާ މަސައްކަތެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.

އެއަރ އެންބިއުލާންސްގެ ޚިދުމަތް ތަޢާރަފްކުރެއްވުމާއި އެޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހު އެ ޚިދުމަތް ތަޢާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ޤައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.