ޓީވީއެމްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހީމް ޝާކިރު ނުވަތަ ޝާކިރުބެ ނިޔާވެއްޖެއެވެ.
ޝާކިރުބެ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 85 އަހަރެވެ. ޝާކިރުބެގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ޝާކިރުބެއަކީ ފިލްމުތަކުންނާއި ޑްރާމާތަކުން އާއްމުންގެ މެދުގައި މަގްބޫލު ބޭފުޅެކެވެ. އެގޮތުން އާއްމުންގެ މެދުގައި މަގްބޫލު އެތައް ފިލްމްތަކަކާއި ޑްރާމާތަކެއްގައި ޝާކިރުބެ ހަރަކާތްތެރިވެފައިވެއެވެ. އެ މަސައްކަތްތަކުގެ އިތުރުން ޝާކިރުބެއަކީ ޓެލެވިޒަން މޯލްޑިވްސް، ޓީވީއެމްއަށްވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޓީވީއެމްގެ ޑިޔުަޓީ އޮފިސަރެއްގެ ވަޒީފާގައި ހުންނަވައިގެން ގަހާއި ބަގީޗާ ހެއްދެވުމަށް އިސްނަންގަވައި، ޓީވީއެމް ޒީނަތްތެެރިކުރުމުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ޝާކިރުބެ ކޮށްދެއްވިއެވެ. އަދި ޝާކިރުބެ ވަނީ ޓީވީއެމްގެ ޑްރާމާތަކާއި ފިލްމުތަކުގައި ހިލޭ ސާބަހަށް ބައިވެރިވެދެއްވާފައެވެ.
ޝާކިރުބެއަކީ ހުރިހާ މުވައްޒަފުންނާއިވެސް ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ..