ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 2 އަހަރު: ޔޫކްރެއިންގެ 31,000 ސިފައިން މަރުވެއްޖެ


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންގެ 31,000 ސިފައިން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ހަނގުރާމައިގައި މަރުވި ޔޫކްރެއިން ސިފައިންގެ ޢަދަދު ހާމަ ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ހަނގުރާމައަށް ދެ އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގައި ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ ސިފައިން ޒަޚަމުވި ނަމަވެސް އެ ޢަދަދު ހާމަ ކުރެވެން ނެތް ކަމުގައެވެ. އަދި, އެ ޢަދަދު ހާމަކޮށްފި ނަމަ, ކުރިއަށް އޮތް ތަނުގައި ހަނގުރާމައިގެ ލަނޑުދަނޑިތައް ކަނޑަ އެޅުމުގައި ރަޝިޔާއަށް ފަސޭހަވެގެން ދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މި ހަނގުރާމައިގައި މަރުވި ޔޫކްރެއިން ސިފައިންގެ ޢަދަދަކީ 31,000. ރަޝިޔާއިން ބުނާ ގޮތަށް 300,000 އެއް ނޫން. 150,000 އެއްވެސް ނޫން. [ރަޝިޔާގެ ރައީސް ވްލަޑިމިޔަރ] ޕުޓިން އެ ހައްދަވަނީ އިތުރުފުޅެއް. ނަމަވެސް, 31,000 އަކީ ވެސް ވަރަށް ބޮޑު ޢަދަދެއް،" ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމައިގައި މަރުވެފައިވާ ޔޫކްރެއިންގެ ސިފައިންގެ ޢަދަދު އެ ޤައުމުން އެންމެ ފަހުން ހާމަ ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ފަަހަރު ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚާއިލޯ ޕޮދޮލްޔެކް ވިދާޅުވީ ރަޝިޔާގެ ޢުދުވާންތަކުގައި ޔޫކްރެއިންގެ 13,000 ސިފައިން މަރުވެފައިވާ ކަމުގައެވެ.

އެމެރިކާއިން ހުސްވި އަހަރުގެ އޮގަސްޓު މަހު ބުނީ ޔޫކްރެއިންގެ 70,000 އެއްހާ ސިފައިން މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. އަދި އޮގަސްޓު މަހާ ހަމައަށް ރަޝިޔާގެ 120,000 ސިފައިން މަރުވެފައިވާ ކަމުގައެވެ. ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނަށް އެރި ރަޝިޔާގެ އިސްތިޢުމާރީ ފައުޖުގެ 180,000އެއްހާ ސިފައިން މިހާތަނަށް މަރުވެފައިވާ ކަމުގައެވެ. ނަމަވެސް ރަޝިޔާއިން އެ ޢަދަދުތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ ޢާންމުންގެ 10,378 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމުގައި އދން ދާދި ފަހުން ވަނީ ބުނެފައެވެ. އދން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ހަނގުރާމައިގައި މަރުވެފައިވާ 10,378 މީހުންގެ ތެރެއިން 8,095 މީހުން މަރުވެފައި ވަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުންނެވެ. ބާކީ 2,283 މީހުންނަކީ ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުންނެވެ. ނަމަވެސް ޔޫކްރެއިންގެ ސަރުކާރުން ބުނީ ރަޝިޔާގެ ޙަމަލާތަކުގައި މަރުވެފައިވާ ޢާންމުންގެ ޢަދަދު 50,000އަށް އުފުލިފައިވާ ކަމުގައެވެ.

ހަނގުރާމައިގައި މިހާތަނަށް ޢާންމުންގެ 19,632 މީހުން ޒަޚަމުވެފައިވާ ކަމަށް އދން އަންދާޒާ ކުރެއެވެ. އޭގެ ތެރެއިން 16,257 މީހުންނަކީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ރައްޔިތުންނެވެ. ހަނގުރާމައިގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ މީހުންގެ ޢަދަދު 23,000އަށް އަރާ ކަމުގައި ވެސް އދން ބުނެއެވެ. އެއީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް މަރުވެފައިވާ އަދި ޒަޚަމުވެފައިވާ ޢާންމުންގެ ތަފާސްހިސާބެވެ.

ހަނގުރާމައަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕުޓިން ވަނީ ޔޫކްރެއިންގެ އިތުރު ސަރަޙައްދުތައް އަތްގަދަ ކުރަން ރަޝިޔާގެ ފައުޖުތަކަށް ޢަމުރު ކުރައްވާފައެވެ. ހަނގުރާމައިގައި ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.

ރަޝިޔާގެ ފައުޖުތަކުން އެންމެ ފަހުން އަތްގަދަ ކޮށްފައި ވަނީ ދޮންޏެސްކު ކައިރީގައި އޮންނަ އަވްދީވްކާއަށެވެ. ޕުޓިން ވިދާޅުވީ ރަޝިޔާގެ ފައުޖުތަކުން އެ ދެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމުގައެވެ. އަދި އިތުރު ސަރަޙައްދުތައް ހިފުމަށް ތައްޔާރު ވަމުންދާ ކަމުގައެވެ.

ޔޫކްރެއިންގެ އިރުމަތީގައި އޮތް ބަޚްމުތުގެ ދެކުނުން އޮންނަ ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ސަރަޙައްދުގައި އޮތް ކްލީޝްޗަޔިވްކާއާއި ދައިލީވްކާގެ އިތުރުން ކަރްދިޔޯމިޔުވްކާ ހިފުމަށް މަސައްކަތް ފަށާފައިވާ ކަމުގައެވެ. ބަޚްމުތަށް ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައި ވަނީ ހުސްވި އަހަރުގެ މޭ މަހުއެވެ.