މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްޠީނުގައި ޤާއިމުވެފައި އޮތުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ބިންގަލެއްކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ހައްދަފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ރާއްޖެއިން ވަނީ ހޯމަ ދުވަހު ބަޔާނެއް ދީފައެވެ.
ރާއްޖޭގެ ފަރާތުން މިބަޔާން ހުށަހެޅުމުގެ ކުރިން، ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އައިސީޖޭގައި ރާއްޖެ ތަމްސީލުކުރައްވާ ޢާއިޝަތު ޝާން ޝާކިރު ވިދާޅުވީ ފަލަސްޠީނުގަޢި މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ޤާއިމުކުރުމަށާއި އެކަން ކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާޢީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ބިންގަލެއްކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މުހިއްމު ސިޔާސަތެއްކަމަށްވެސް ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ މި މައްސަލައަށް އޮތް ހައްލަކީ އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައަޅައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމުގައި ހެދުންކަމަށާއި، އެއީ އަބަދުވެސް ރާއްޖެއިން މިކަމުގައި ދެކޭގޮތްކަމަށެވެ.
ދެކުނު އެފްރިކާއިން އިސްވެ އިސްރާއީލުން މިމައްސަލަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅައި އެކި ޤައުމުތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު އަންނަނީ ފަލަސްޠީނުގައި ހިނގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކޮށް އިންސާފު ހޯދުމަށް ވަކާލާތުކުރަމުންނެވެ.
މިމައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް ދޭ ބަޔާން ހުށަހެޅުއްވީ އިނގިރޭސިވިލާތާއި ވޭލްސްގެ ބަރ މެމްބަރެއްކަމަށްވާ އެސެކްސް ކޯޓް ޗޭމްބަރސްގެ ބައިނަލްއަޤުވާމީ ވަކީލުންނެވެ. ރާއްޖޭގެ ބަޔާނުގައި ވަނީ އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފު ޢަމަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އިސްރާއީލުން ޢަމަލުކުރަމުންދާ ސިޔާސަތުތަކާއި އުސޫލުތަކަކީ "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުންކަމަށް ސިފަކޮށް އެފަދައިން ޤަބޫލުކުރާ އެހެން ޤައުމުތަކާއި ރާއްޖެއިން ގުޅިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ އަނިޔާއާ ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ދިން ޙަމަލާއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއާއި އެސަރަޙައްދުގެ ވަށައިގެންވާ ސަރަޙައްދުތައް އިސްރާއީލުން ދަނީ ސުންނާފަތިކުރަމުންނެވެ. ޒަމާނީ ބާރު ހަތިޔާރު ބޭނުންކޮށްގެން ބަންދުކޮށްފައިވާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އަދި އެކަމަށް ވާގިވެރިވާ ހުޅަނގުގެ ސަރުކާރުތަކާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ.