ޚަބަރު

ޤުދުރަތީ ރައުސުލްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދިރާސާ ހެދުމަށް 1 ލައްކަ ރުފިޔާ ދެނީ


  • މިފުރުޞަތު އޭޕްރީލް 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި

  • 14 ދަރިވަރަކަށް 100،000 ރުފިޔާ

  • ދިރާސާކުރުމަށް ކަނޑައަޅާފައިވާ ދާއިރާ ހުށައަޅަން ޖެހޭ

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕޯސްޓްގްރެޖުއޭޓް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ގުދުރަތީ ރައުސުލްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންދެރި ސްޓޫޑެންޓް ގްރާންޓްގެ ނަމުގައި ހުޅުވާލާފައިވާ މިފުރުޞަތުގެ ދަށުން ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގގެ ރިސަރޗް ސްޓަޑީޒްތަކާއި ބަޔޯޑައިވަރސިޓީ ކޮންޒަވޭޝަންގެ އިތުރުން ކޯޕަރޭޓް ސެކްޓަރގެ ވިޔަފާރިއާއި އެކައުންޓިން ޕްރޮފެޝަންތަކާ ގުޅުން ހުރި ދާއިރާތަކުން ދިރާސާތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެފުރުޞަތުގެ ދަށުން 14 ދަރިވަރަކަށް ގިނަވެގެން އެއްލައްކަ ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެހީ ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް [email protected] ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި އެ ފުރުޞަތު އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެހީއަށް އެދި ހުށައަޅާއިރު ދިރާސާކުރުމަށް ކަނޑައަޅާފައިވާ ދާއިރާއާއި މަސައްކަތަކީ އެހީ ދިނުމުގެ އުޞޫލްތަކަށް ފެތޭ އެ ދަރިވަރަކު ތަޢުލީމް ހާސިލްކުރަމުންދާ ޔުނިވަރސިޓީއަކުން ރުހުންދީފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށެވެ.

އެންހޭންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިއީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފުރަތަމަ ފަހަރަށް އެހީ ދީފައިވަނީ ލ. އަތޮޅުގެ 9 ރަށަކަށެވެ.