ޚަބަރު

ފިއްލަދޫއާއި ކެލާގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ކައުންސިލްތަކުންވަނީ ރަށަށް ކުރިމަތިވެފައިވާ ދަތިތައް ރައީސްއާއި ހިއްސާކުރައްވާފައި

  • އ.ތ.މ.ކއިންވެސްވަނީ އެބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައި

  • ރައީސްވަނީ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަދި ކެލާ ކައުންސިލާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހއ.ފިއްލަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބައްލަވާނެކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލްތަކާއި ހިއްސާކުރައްވާފައެވެ. .

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ހއ.ކެލާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކެލާގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ފަށާފައިހުރި މަޝްރޫޢުތައް ނިންމަވާދެއްވުމަށާއި، މި ސަރުކާރުންވެސް ވަޢުދުވެފައިވާ ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ކެލާގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާފައެވެ.

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އިތުރު ގަޑީގެ އިނާޔަތް ބޭނުންވާ ކަމަށާއި ބަޖެޓުގެ ދަތިކަންވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.