ޚަބަރު

ފައިސާގެ ބަދަލެއް ނެތި ވަގުތުތައް ހުސްކުރުމަކީ އިންސާނީ ޤުރުބާނީއެއް: ސާޖިދާ


  • އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުން މުހިންމު

  • ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ މީހުން މަތީ ފަންތީގައި ތިއްބެވިކަމަށް ވިދާޅުވި

  • ޤައުމުގެ އަންހެން ދަރިންނާއެކު ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވި

ފައިސާގެ ބަދަލެއް ނެތި ހަމައެކަނި އިންސާނިއްޔަތަށްޓަކައި ވަގުތުތައް ހުސްކުރުމަކީ ވަރަށް މަތީ ދަރަޖައިގެ އިންސާނީ ޤުރުބާނީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢެއްގެ ނުވަތަ ޤައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއް ހަމައެއްގައި ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ކުރިއަށްދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި، ޢިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދަޅުވީ ފައިސާގެ ބަދަލެއް ނެތި ހަމައެކަނި އިންސާނިއްޔަތަށްޓަކައި ޤައުމަށްޓަކައި ވަގުތުތައް ހުސްކުރުމަކީ ވަރަށް މަތީ ދަރަޖައިގެ އިންސާނީ ޤުރުބާނީއެއްކަމަށެވެ. އަދި ޤައުމެއް ބިނާ ކުރަން ބޭނުންވާ އެތައް މުހިއްމުކަމެއް ގަރލް ގައިޑްގެ ހަރަކާތުން ދަސްކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށާއި ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ދައުރު ހިމެނުއްވުމަށް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހިފެހެއްޓުމަށާއި، ޤައުމުގެ އަންހެން ދަރިންނާއެކު ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

"އަމިއްލައަށް އިސްނެގުން، އަނެކުންނާ ގުޅިގެން މަސައްކަތް ކުރުން، ކޮންމެ ކަމެއްގެ އަގަކީ ފައިސާ ނޫންކަން ގަބޫލުކުުރުން. ތަފާތު އެކި ރޮނގުރޮނގުން ސާވޭކޮށް މުޖުތަމަޢުގެ މައްސަލަތައް ދެނެގަތުން، ފެންނަ މައްސަލަތަކަށް އަވަސް ފަރުވައެއް ދެމުން ގެންދިޔުން، އަންހެނުން ބާރުވެރިކުރުވުން، އަންހެނުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވަން އަޑުއުފުލުން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނަރސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައި ގަރލް ގައިޑް އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ހަނދާނީ ފިލައެއް އެރުވުންވެސް މި ޖަލްސާގައި އޮތެވެ.