ޚަބަރު

ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ތަނަކަށް މަޖިލިސް ބަދަލުކޮށްލެވޭނީ ރައްޔިތުންނަށް: ރައީސް


  • ފުރުސަތު ދީފިނަމަ މަޖިލިސް މެދިވެރިކޮށް ޤާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި

  • ގެދޮރުވެރިކަމާއި ގުޅޭ ބިލުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން

ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރާ ތަނަކަށް މަޖިލިސް ބަދަލުކޮށްލެވޭނެކަމަށާއި، ނަމަވެސް އެކަން ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދިޔަ "އަހާ" ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުވުމުގެ މުހިންމުކަމާއި ގުޅޭގޮތުން ބައިވެރިއަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދަންނަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އޮތްގޮތުން މަޖިލީހަށް ސަރުކާރަށް ބާރު ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން، މި ހިނގާ 19 ވަނަ މަޖިލީހުގެ ތެރެއިން ވެސް އެ މަންޒަރުތައް ފެންނަ ކަމަށާއި އެއްވެސް އަސާސެއް ނެތި އެކި ފިއްތުންތައް ކުރިމަތިކުރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބަކުން ވެރިއަކު ހޮވައި ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ފުރުސަތު ނުދީ އެއްވެސް އަސާސެއް ނެތި އެއަށް ހުރަސް އެޅޭނެ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގާގޮތަށް މަޖިލިސް އޮންނަ އޮތުމާ ގުޅޭގޮތުން ރައްޔިތުން ގޮތް ނިންމަން ޖެހޭކަމަށެވެ.

"ރައްޔިތުންނޭ ގޮތް ނިންމާނީ. ޕާފޯމް ކުރަމުންދާއިރު، ޑެލިވަރ ކުރަމުންދާއިރު އަދި ކުރިއަށް ހުރި ކަންކަން ކުރާނެ ގޮތް ބަޔާންކޮށް މަގުފަހި ކުރާއިރު، އިގްތިސާދު ހަރުދަނާ ކުރާނެގޮތް. އޮގްތިސާދު ފުޅާކުރާނެ ގޮތް، ދަރަނި ކުޑަކުރާނެ ގޮތް، ދަރަނި އަނބުރާ ދައްކާނެ ގޮތް. މިހުރިހާ ގޮތެއް ކަނޑައަޅައި، އެކަންކަން ކުރަމުންދާއިރު އައިއެމްއެފުން އެވަނީ ބަލައިގެންފައި އަޅުގަނޑުމެންގެ އިގްތިސާދީ އެޖެންޑާ. އެހެންވީމަ މި ހުރިހާ ކަމެއް ރަނގަޅު މަގުން މިގޮތަށް ބައްޓަން ކުރެވިގެންދާއިރު އެއަށް މަގުފަހިކޮށްދޭން އެކަން ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަކަށް މަޖިލިސް ނިންމާނީ ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން ހަފުތާ 14 ގައި ކަނޑައަޅައިގެން ގެދޮރުވެރިކަމާއި ގުޅޭ ބިލުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 19 ވަނަ މަޖިލިސް ތެރެއިންވެސް އިތުރު ކަންކަން ކުރުމަށް ބިލުތައް ހުށަހަޅުއްވަމުން ގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނު އޮތްގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ދަތިތަކާ ދިމާވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެކަން ހައްލު ކުރައްވަން ބޭނުންފުޅުވި ނަމަވެސް އެކަން ކުރެވެން އޮތީ މަޖިލިސް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ރައްޔިތުން ފަހިކޮށްދެއްވައިފިނަމަ އެ ޤާނޫނުތައް އިސްލާހު ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.