ޚަބަރު

ހަފްތާ14 - ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފި


  • ކާށިދޫ މާރުކޭޓުގައި 5 ގޮޅި ހިމެނޭ

  • މިތަނުން ދިވެހި އުފެއްދުންތައް ވިއްކޭނެ

  • އެހެން ރަށްރަށުގައިވެސް މިފަދަ މާރުކޭޓް އަޅާނެ

އެގްރޯނެޓުން ކ.ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ.

ކާށިދޫ މާރުކޭޓުގެ ނަމުގައި ޤާއިމްކުރި މި މާރުކޭޓަކީ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ކަނޑައަޅުއްވާފައިވާ ވަޢުދުގެ ދަށުން އަދި އެގްރޯނެޓްގެ އިޖްތިމާޢީ އެހީގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ބިނާކުރި މާރުކޭޓެކެވެ.

މި މާރުކޭޓަކީ އަންހެނުންނާއި ޒުވާނުންގެ އިތުރުން ދިވެހި އުފެއްދުންތައް އުފައްދާ އެހެން ވެސް ދިވެހި ރައްޔިތުންނަށް އެތަކެތި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވި މާރުކޭޓެއްކަމަށް އެގްރޯނެޓުން ބުނެއެވެ.

ކާށިދޫ މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެރަށު ބަނދަރު ސަރަޙައްދުގައެވެ. މާރުކޭޓް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ އަލްފާޟިލާ ސަހުލާ ނިޒާރެވެ. މި ޙަފުލާގައި މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކަށް ގޮޅި ލިބުންކަމުގެ ލިޔުންވެސް ވަނީ ޙަވާލުކޮށްފައެވެ.

އެގްރޯނެޓުން ބުނީ މިއީ މިފަދަ ފުރަތަމަ މާރުކޭޓު ކަމުގައި ވީނަމަވެސް ކާށިދޫގެ އިތުރުން އެހެން ރަށް ރަށުގައި ވެސް މިފަދަ މާރުކޭޓުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގްރޯނެޓާއެކު އެކުލަވާލާފައިވާ ފަހުނުމާގެ ދަށުން ދަށުން ކާށިދޫ މާރުކޭޓު ހިންގާނީ ކާށިދޫ ކައުންސިލުންނެވެ. އެގޮތުން ގޮޅިތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައެޅުއްވުމުގެ އިތުރުން މާރުކޭޓު ހިންގާ ބަލަހައްޓާނީ ކައުންސިލުންނެވެ. ކާށިދޫ މާރުކޭޓުގައި 5 ގޮޅި ހިމެނޭއިރު މާރުކޭޓު ފަރުމާކުރެވިފައި ވަނީ ގޮޅިތައް އިތުރު ކުރެވޭނެ ގޮތަށެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި ކާށިދޫ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ. އެގޮތުން މާރުކޭޓުގެ ހުރިހާ ގޮޅިއެއް ވެސް ވަނީ ކުއްޔަށް ދޫކޮށް ނިމިފައެވެ.