ޚަބަރު

ގއ.ގެމަނަފުށި ސްކޫލްގައި މިއަހަރު މަލްޓިޕާޕަސް ހޯލެއް ޤާއިމްކޮށްދޭނަން: ރައީސް


  • މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ގޮތުން ދިމާވާ މައްސަލައަށް ހައްލެއް ލިބޭނެ

  • އިތުރު މަގުތަކާއިއެކު މަގުހެދުމުގެ މަޝްރޫއުވެސް ކުރިއަށްދާނެ

ގއ. ގެނަމަފުށި ސްކޫލްގައި މިއަހަރު މަލްޓިޕާޕަސް ހޯލެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސްގެ ޖަވާބު ޕްރޮގްރާމްގައި އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަޙްމަދު ރައީސުލްޖުމްހުރިއްޔާއަށް ސުވާލު ދެންނެވީ ގެމަނަފުށީ ސްކޫލް މަލްޓި ޕާޕަސް ހޯލް އާއި އެރަށު މަގު ހެދުމުގެ މަޝްރޫޢާ ބެހޭގޮތުންެނެވެ.

ސަމީރުގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ގއ. ގެނަމަފުށި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މި ހޯލާއިއެކު ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަލްޓި ޕާޕަސް ހޯލެއް ބިނާކުރީމައި ތި ވިދާޅުވި ކަންތަކަށް ހައްލެއް އަންނާނެކަމަށް ގަބޫލުކުރެވޭ. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެމަނަފުށި މިއީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ މުހިންމު ރަށެއްކަމަށެވެ. އަދި އިޤްތިޞާދީގޮތުން ބަލާއިރުވެސް އަދި އާބާދީގެ ގޮތުން ބަލާއިރުވެސް މަގުހެދުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެމަނަފުށިގައި މަގުތައް ހެދުމުގެ މަސައްކަތް ފަށާނީ އިތުރު މަގުތައްވެސް އިތުރު ކުރެވިގެންކަމަށާއި މިއީ މުޅި ރަށަށް އޭގެ މަންފާ ލިބޭނެ މަޝްރޫއަކަށް ވެގެންދާނެކަމަށެވެ.