ޚަބަރު

ހަފްތާ14 - އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން ތައާރަފްކޮށްފި


  • މިއީ އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ޕްލޭނެއް

  • އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވަނީ ހިމަނާފައި

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ތައާރަފްކޮށްފިއެވެ.

މި ޕްލޭން ތައާރަފްކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްއާއި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

މިއީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.

މި ޕްލޭންގެ ދަށުން އައްޑޫގައި 6000 އެނދު ތަރައްގީ ކުރާނެއެވެ. އަދި އައްޑޫ ސިޓީގައި 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.

އެގޮތުން އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި، ވެލްނެސް ޒޯނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ވަނީ ހިމަނާފައެވެ. އަދި އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށްވެސް ވަނީ ޕްލޭންކޮށްފައެވެ. މި ޕްލޭންގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފައެވެ.