ޚަބަރު

ހައްދުފަހަނައަޅާފަވާ ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަނީ


ހައްދުފަހަނައަޅައިފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް ރާއްޖެއިން މީހުން ގެންދިއުމަށް މަގުފަހިކޮށްދޭ ބަޔަކު ރާއްޖޭގައި އުޅޭކަމަށާއި، އެފަދަ ނެޓްވާރކްތައް އަތުލައިގަނެ ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމައަށް ދިއުމަށް އެފަރާތްތަކުން ޒުވާނުންނާ މުޢާމަލާތުކުރަނީ އިންޓަރނެޓް މެދުވެރިކޮށްކަން މިހާތަނަށް ބެއްލެވި ބެއްލެވުމުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެފަދަ ނެޓްވާރކްތައް އަތުލައިގަނެ ޤާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިގެން ޒުވާނުން ހަނގުރާމައަށް ގެންދިއުމަށް ސަރުކާރުގެ ތެރެއިން ބަޔަކު އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެނގިވަޑައިގެން އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާނެކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ހަނގުރާމައަށް ދާން އުޅޭކަމަށް ޝައްކުކުރެވޭ މީހުން ހިފާ ހައްޔަރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގިނަ ޢަދަދެއްގެ ބަޔަކު ސީރިއާގެ ހައްދުފަހަނައަޅައިފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރަމަކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަން ފާހަގަކުރެއްވި އުމަރު ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ޖަމާޢަތްތަކާ ގުޅިފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.