ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ވިލިމާލެ ވޯޓަރ ސްޕޯޓްސްއާ ދިމާލުން ކަނޑުމަތިން ދެ ލޯންޗެއް ޖެހިގެނެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި 13 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދެވުނުކަމަށެވެ. އަދި އޭގެ ތެރެއިން 6 މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިއެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:48 ހާއިރުކަމަށާޢި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފަައި ވަނީ އެފްކޮންސްގެ ބަޔަކާޢި އަނަންތަރާ ލޯންޗެއްގައި ތިބި ބަޔަކަށެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ޔަގީނެއް ނުވެއެވެ.