ޚަބަރު

ކުނި މެނޭޖްކުރުމުގެ މަސައްކަތް ކާމިޔާބުވާނީ އެންމެންގެ ޝާމިލުވުމާއެކު: ޠާރިޤް


  • ކުނި މެނޭޖްކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު ވަނީ އިފްތިތާހުކޮށްފައި

  • ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ ކުނި މެނޭޖްކުރުމަށް ހޭދަވާނެ

ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، އެއީ އެންމެންގެ ޝަމިލުވުމާއެކު ޙައްލު އަންނާނެ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ނޭޝަނަލް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމް ނުވަތަ ކުނި މެނޭޖްކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމް ނުވަތަ ކުނި މެނޭޖްކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުންޏަކީ އެކަމަކަށް އެންމެންވެސް ޒިންމާވާންޖެހޭ ކަމެއްކަމަށެވެ. އަދި ސުނާމީގެ ފަހުން 2004 ވަނަ އަހަރަށްފަހު ރަސްމީގޮތެއްގައި ސަރުކާރުން ކުނި މެނޭޖްކުރުމުގެ ދާއިރާއަށް މަސައްކަތް ކުރެއްވިނަމަވެސް މިވީހާތަނަށް ކުނީގެ މައްސަލައަށް އެދެވޭ ޙައްލެއް އައިސްފައިނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ވަށާޖެހޭ ނިޒާމެއް ޤާއިމުކުރެއްވުންކަމަށެވެ. އެހެންކަމުން މިކަމުގައި ސަރުކާރައި އަމިއްލަ ފަރުދުންގެ އިތުރުން އަމިއްލަ ވިޔަފާރިތަކުން މި ދާއިރާގައި ހަރަކާތްތެރިވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައިވެސް ކުނި މެނޭޖްކުރުމުގެ ފުރުސަތު ސަރުކާރުން މިއަދު މިހުޅުވާލީ. ކައުންސިލްތަކަށްވެސް އެކަންކުރެވޭނެ. އަދި ވަންދޫއާއި އައްޑޫ ސިޓީގައި ހުރި ސަރަޙައްދީ މަރުކަޒުތަކަށް ކުނި ޓްރާންސްފަރ ކުރުމުގެ މަސައްކަތްވެސް ކުރެވޭނެމަގު ފަހިވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ކުނި މެނޭޖްކުރުމުގެ ވަށާޖެހޭ ނިޒާމެއް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރުމަށް ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭކަމަށެވެ.

މިރަސްމިއްޔާތުގެ ތެރެއިން ޖަޕާނު ސަރުކާރުން ހަދިޔާކުރި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ 48 އުޅަނދެއް ސަރުކާރާއި ހަވާލުކުރުންވެސް ކުރިއަށްދިޔައެވެ. މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފަސީރު ޓަކެއުޗީ މިޑޯރިއެވެ. އަދި ސަރުކާރުގެ ފަރާތުން މިއުޅަނދުތަކާއި ޙަވާލުވެވަޑައިގަތީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.