ޚަބަރު

ދިވެހިން އެއްބަޔަކު އަނެއްބަޔަކާ އޮތް ހުރިހާ ގުޅުމެއްގެ އަސްލަކީ ދިވެހިބަސް: ވަޒީރު


  • ބަސް މުއްސަނދިކޮށް ކުރިއެރުވުމަށް ކުދިންނަށް ބަހުގެ ހަމަތައް ކިޔައިދޭންޖެހޭ

  • ދިވެހިބަހުން ކުރާ މުޢާމަލާތުތައް ބަހުގެ ޢިލްމީ އުޞޫލުތަކާ ގުޅުވަންޖެހޭ

ދިވެހީންނަކީ ޤުދުރަތުން ދިވެހީންނަށް ދެއްވާފައި އޮތް މާދަރީ ބަހަކުން ގުޅިފައިވާ އެއް ޢާއިލާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަޞީރު މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ދިވެހިބަހުގެ އެކެޑަމީން ބޭއްވި ޢިލްމީ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހިން އުފެދެނީ ބަހުގެ ޒަރިއްޔާއިން އެކުލެވޭ އެކުލެވުންތަކަކުންކަމަށާއި، ދިވެހީންނަކީ ޤުުދުރަތުން ދިވެހީންނަށް ދެއްވާފައި އޮތް މާދަރީބަހަކުން ގުޅިފައިވާ އެއް ޢާއިލާކަމަށެވެ. އަދި ދިވެހީންގެ 4000 އަހަރުވީ ތާރީޚަށް ބަލާއިރު މި ޢާއިލާ ސަލާމަތް ކުރުމަށްޓަކައި އެތައް ކާބަފައިންނެއް ޤުރުބާންވެފައިވާކަމަށާއި، މި ޢާއިލާ ސަލާމަތްކުރުމަށްޓަކައި މިފަސްގަނޑު ބިނާކުރިކަމަށެވެ. އެގޮތުން ގެދޮރު ބިނާކުރުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ އެތައް ފަންނުތަކެއްގައި ދިވެހިން ކުރިއަރައިދިޔަކަން ފެންނަން އޮތްކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

"ވަކިދައުލަތެއް ލިބިފައި ނެތް ކިތަންމެ ޤައުމެއް ވާއިރު، ދިވެހިންނަކީ އެނަސީބު ލިބުނު މަދުބައެއްގެ ތެރޭގައި ހިމެނުމުގު ފަޚުރުވެރިކަން އޮތް ދައުލަތެއް. އެކަން އެހެން އޮތްއިރު، ދިވެހީންނަކީ ވަކި ގޮތަކަށް ތިބި ވަކި ބައެއްކަމާއި، ދިވެހީންގެ ދައުލަތޭ ބުނާ ބުނުމަށް ބާރުދޭ އެންމެ މުހިންމު އަސްލަކީ ދިވެހީންގެ ފަޚުރުވެރި މާދަރީ ބަސް ކަމާމެދަކު ޝައްކެއްވެސް ނެތް" ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

ބައެއްގެ މާހައުލާއި މަސައްކަތްތެރިކަމާއި އެބައެއްގެ ބަސް އުފެދެމުންދިއުމާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބަހެއް ދަސްވަނީ އުޅޭ އުޅުމެއްގެ ތެރެއިންނާއި ސަގާފަތެއްގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަސް މުއްސަނދިކޮށް ކުރިއެރުވުމަށް މިއަދު ބޮޑެތިވަމުންދާ ކުދިންނަށް ގޭތެރެއިންނާއި ބޭރުންވެސް ރަނގަޅު މާހައުލު ފަހިކޮށްދިނުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ފޯރަމުގައި ޑރ. އައިމިނަތު ރިޔާޒު ވަނީ އެކި ޢުމުރުފުރާގެ މީހުން ދިވެހިބަހުން ކުރާ މުޢާމަލާތުތައް ބަހުގެ ޢިލްމީ އުޞޫލުތަކާ ގުޅުވާލުމުން ފެންނަ ނަތީޖާތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޢިލްމީ ދިރާސާއެއް ހުށަހަޅުއްވާފައެވެ.

މި ފޯރަމުގައި ދިވެހިބަހުގެ އެކެޑަމީގެ ބައެއް އިސްބޭފުޅުންގެ އިތުރުން ދިވެހިބަސް އުނގަންނައިދިނުމުގެ ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބައެއް މަދަރުސާތަކުގެ ދަރިވަރުންވެސް ބައިވެރިވިއެވެ.