ޚަބަރު

ކެންޑިޑޭޓުންނަށް ސިޔާސީ އިޝްތިހާރާއި ޕްރޮގްރާމް ދެއްކުމުގެ ފުރުސަތު ޕީއެސްއެމުން ހުޅުވާލައިފި


  • އިޝްތިހާރު ދެއްކުމަށް 30 ސިކުންތު ކޮންމެ ކެންޑިޑޭޓަކަށް 15 ފުރުސަތު

  • ސިޔާސީ ޕްރޮގްރާމް ދެއްކުމަށް 5 މިނެޓް، ކޮންމެ ކެންޑިޑޭޓަކަށް 4 ފުރުސަތު

އަންނަ މަރޗްމަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސީ އިޝްތިހާރާއި ޕްރޮގްރާމްތަކަށް ޕީއެސްއެމްގެ ޗެނަލްތަކުން ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

ޕީއެސްއެމުންވަނީ ކެންޑިޑޭޓުންނަށް ސިޔާސީ އިޝްތިހާރާއި ޕްރޮގްރާމްތަކަށް ވަގުތު ދިނުމުގައި އަމަލުކުރާނޭ ޤަވާއިދުގައި ހިމެނޭ ޕީއެސްއެމްގެ ވެބްސައިޓްގައީ ޝާޢިއުކޮށްފައެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ކޮންމެ ކެންޑިޑޭޓަކަށް ޖުމްލަ 15 ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް ސިޔާސީ އިޝްތިހާރަށް ޓީވީއެމުން 3 ފުރުޞަތު، ޕީއެސްއެމް ނިއުސްއިން 2 ފުރުސަތު ޔެސް ޓީވީން 1 ފުރުސަތު ދިވެހިރާއްޖޭގެ އަޑުން 7 ފުރުޞަތު، އަދި ދިވެހި އެފްއެމުން 2 ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. ސިޔާސީ އިޝްތިހާރެއްގެ ދިގުމިނަކީ 30 ސިކުންތެވެ.

ސިޔާސީ ޕްރޮގްރާމްތައް ދެއްކުމަށް ކޮންމެ ކެންޑިޑޭޓަކަށް 4 ފުރުސަތު ޕީއެސްއެމްގެ ޗެނަލްތަކުން ދިނުމަށްވަނީ ނިންމާފައެވެ. މިޕްރޮގްރާމްތައް ދެއްކުމުގެ ފުރަސތު ހަމަޖެހިފައިވަނީ ކޮންމެ ކެންޑިޑޭޓަކަށް ޓީވީއެމުން 1 ފުރުޞަތު، ޕީއެސްއެމް ނިއުސްއިން 2 ފުރުޞަތު، ދިވެހިރާއްޖޭގެ އަޑުން 1 ފުރުސަތެވެ.

ކެންޑިޑޭޓުންނަށް ސިޔާސީ އިޝްތިހާރާއި ޕްރޮގްރާމަށް ވަގުތު ދިނުމުގެ ޤަވާޢިދާއި، ކެންޑިޑޭޓުންގެ އިޤްރާރާއި އެޕްލިކޭޝަން ފޯމް ޕީއެސްއެމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕީއެސްއެމުން ގެނެސްދޭ "މަޖިލިސް 2024" ބަހުސް މިހާރުވަނީ ފަށާފައެވެ. މިބަހުސް ދައްކަނީ ޔެސްޓީވީންނެވެ.